ކެތަލޯނިއާގެ ކުރީގެ ރައީސް އިޓަލީން ހައްޔަރުކޮށްފި

ކެތަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން -- ފޮޓޯ: ރޮއިޓާސް

ރޯމް (ސެޕްޓެމްބަރު 24): ކެތަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން، ސްޕެއިންގެ އަމުރަކަށް އިޓަލީން ހައްޔަރުކޮށްފިއެވެ.

ކެތަލޯނިއާ އަކީ އަމިއްލައަށް ވެރިކަން ހިންގުމުގެ ބައެއް ބާރުތައް ލިބިފައިވާ ސްޕެއިންގެ ސަރަހައްދެކެވެ. އެގޮތުން ސްޕެއިންގެ އެންމެ މުއްސަނދި އެއް ސަރަހައްދު ކަމަށްވާ ކެތަލޯނިއާގައި އަމިއްލަ ބަހަކާއި ޕާލިމެންޓަކާއި ގައުމީ ސަލާމެއް އޮވެއެވެ.

ކެތަލޯނިއާގެ ކުރީގެ ރައީސް ޕުޖިޑެމޮން ހައްޔަރު ކުރަން ސްޕެއިން އިން ބައިނަލްއަގުވާމީ އަމުރެއް ނެރުނީ ކެތަލޯނިއާ އަކީ މިނިވަން ދައުލަތަކަށް ހެދުމާ ބެހޭ ގޮތުން އެސަރަހައްދުގައި އޮކްޓޯބަރު 2017ގައި ނެގި ފެންނަ ނުފެންނަ ވޯޓަކާ ގުޅިގެންނެވެ.

އެ ވޯޓާ ގުޅިގެން ސްޕެއިންއިން ވަނީ ކެތަލޯނިއާގެ އޭރުގެ ލީޑަރުންގެ މައްޗަށް ގައުމަށް ގައްދާރުވުމާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ ކޮށްފައެވެ.

އޭގެ ސަބަބުން ގިނަ ލީޑަރުންތަކެއް ސްޕެއިން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޕުޖިޑެމޮން ވެސް ހިމެނޭ އިރު އޭނާ މިހާތަނަށް ދިރިއުޅުއްވީ ބެލްޖިއަމްގައިއެވެ.

ޕުޖިޑެމޮންގެ ވަކީލު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރީ ކެތަލޯނިއާއާ ގުޅުން ހުރި ފެސްޓިވަލެއްގައި ބައިވެރިވުމަށް، އޭނާ އިޓަލީއަށް ވަޑައިގެންނެވުމުން ކަމަށެވެ.

ޕުޖިޑެމޮން ހައްޔަރު ކުރުމަށް ފަހު، އޭނާ ސްޕެއިންއާ ހަވާލު ކުރުމާ ބެހޭ ގޮތުން އިޓަލީގެ ކޯޓުތަކުން ގޮތެއް ނިންމާނެއެވެ.

ކެތަލޯނިއާގެ މިނިވަންކަމާ ބެހޭ ގޮތުން އޮކްޓޯބަރު އެކެއް، 2017ގައި ނެގި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ވޯޓު ދިނީ އެ ސަރަހައްދު މިނިވަން ދައުލަތަކަށް ހެދުމަށެވެ.

ނަމަވެސް އެ އިންތިހާބު ބޭއްވީ ގާނޫނާ ހިލާފަށް ކަމަށް ސްޕެއިންގެ ދުސްތޫރީ ކޯޓުން ނިންމިއެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު 27ގައި ކެތަލޯނިއާއިން މިނިވަންކަން އިއުލާން ކުރުމާއެކު އެ ސަރަހައްދު ސްޕެއިންގެ މައި ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔައެވެ.

އޭގެ ފަހުން ކެތަލޯނިއާގައި އާ ސަރުކާރެއް ގާއިމު ކުުރުމަށް އާއްމު އިންތިހާބެއް ބޭއްވިއެވެ. އެ އިންތިހާބަށް ފަހު އަނެއްކާވެސް އެ ސަރަހައްދުގެ ވެރިކަމާ ހަވާލުވީ ކެތަލޯނިއާ ވަކި ޖުމްހޫރިއްޔާއަކަށް ހެދުމަށް ތާއިދު ކުރާ ސަރުކާރެކެވެ.

comment ކޮމެންޓް