އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ވާދަކުރި ފުރަތަމަ މެޗުގައި މިރޭ ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ތަޖިކިސްތާނުގެ ރިޕަބްލިކަން ސެންޓްރަލް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ވިއެޓްނާމުން ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ މައްޗަށް ކުރި ހޯދީ 0-16ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދުނިޔޭގެ ރޭންކިންގެ 32 ވަނައިގައި އޮތް ވިއެޓްނާމުން ހޯދި މި ބޮޑު މޮޅާއެކު އެ ޓީމުން ތާވަލުގެ އެއްވަނައަށް އަރައިފައެވެ.
މި ގުރޫޕުގައި ދެން އޮތީ ތަޖިކިސްތާނާއި އަފްގާނިސްތާނެވެ. އެކަމަކު ސިޔާސީ ހަލަބޮލިކަމާއެކު އަފްގާނިސްތާން މިހާރު މުބާރާތުން ވަނީ ވަކިވެފައެވެ. އެހެން ކަމުން ރާއްޖޭގެ ޓީމަށް މުބާރާތުގައި ބާކީ އޮތީ އެއް މެޗެވެ. އެއީ 26 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.
ގައުމީ އަންހެން ޓީމުން ވަނީ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ބ. އޭދަފުށީ ޓީމަކާ ދެކޮޅަށް މެޗެއް ކުޅުމުގެ އިތުުރުން ޔޫއޭއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށް އެގައުމުގެ ޓީމަކާ ދެކޮޅަށް މެޗުތަކެއް ކުޅެ ކުރިއެރުންތަކެއް ހޯދައިފައެވެ.
އޭޝިއަން ވިމެންސް ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖޭން، 2008 އާއި 2014 އަދި 2018 ވަނަ އަހަރު ކުޅެފައެއް ނުވެއެވެ. ރާއްޖޭން ވާދަކުރީ 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައެވެ.
އަންހެން ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)އެވެ. އެސިސްޓަންޓް ކޯޗުންނަށް ތިބީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ މީގެ ކުރިން އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ފަދުވާ ޒާހިރު އާއި މަރިޔަމް މިރުފަތު އެވެ.