ޖުމްހޫރީ ޕާޓީގެ މަގާމެއް ތަބަކަށްލާފައި ދޭން ނުވެސް އެދެން: ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި ހުންނެވިއިރު އެ ޕާޓީގެ އެެެއްވެސް މަގާމެއް "ތަބަކަކަށް ލާފައި" އޭނާއަށް ދިނުމަށް އެއްވެސް އިރެއްގައި އެދިވަޑައިގެންފައިނުވާނެކަމަށް މިހާރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ އެ ޕާޓީގެ ޗެއާމަން ގާސިމް އިބްރާހިމް ރިޔާޒަށް އެފަދަ ތުހުމަތުތަކެއް ކުރެެއްވި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫންކަމަށެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމަށް އެމަނިކުފާނު ވިދާޅުވާ އެއްޗެއް އެނގިވަޑައިގަންނަވާނީ. އަޅުގަނޑު ވަރަށް އިހުތިރާމްކުރާ ބޭފުޅެއް އެއީ. ޕާޓީގެ އެއްވެސް މަގާމެއް ތަބަކަކަށް ލާފައި ދިނުމަށް ނުވެސް އެދެން. އެއްވެސް ފަރާތެއްގެ ކިބައިގައި އެދިފައި ނޯންނާނެ. ޕާޓީ ދިނުމަށް ވެސް ޕާޓީ ހަވާލުކުރުމަށް ވެސް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމް ޖަލަށް ލުމުން ޖޭޕީގެ ލީޑަރުގެ އެންމެހާ ބާރުތައް އޭނާއާ ވަގުތީގޮތުން ހަވާލުކުރިކަމަށެވެ. އަދި އެއީ ވެސް އޭނާ އެކަމަށް އެދިވަޑައިގަތުމުން ނޫންކަމަށެވެ.

ނަަމަވެސް އެ ބާރުތައް ދިނުމުން ޕާޓީއަށް ޓަކައި މަސައްކަތްކޮށްދެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ބޭނުންފުޅުވަނީ ގައުމީ ފިކުރުގައި ހިދުމަތްކުރަންކަމަށެވެ. އަދި އެއީ ޖޭޕީއިން ނިކުމެވަޑައިގެންނެވި ސަބަބުކަމަށެވެ. އަދި އެމްއެންޕީ އުފެއްދެވުމުގައި މަަސައްކަތްކުރައްވާ އެ ޕާޓީއާ ގުޅުނު ސަބަބުކަމަށެވެ.

ރިޔާޒު ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ގައުމަށް ހިދުމަތްކުރުންކަމަށެވެ. އަދި އެ ނޫން އެއްވެސް ވިސްނުމެއް އެ ޕާޓީން ނުގެންގުޅޭނެކަމަށެވެ.

"އަޅުގަނޑު އެހެން މިދަންނަވަނީ ވަރަށް ފަހުުރުވެރިކަމާއެކު. އަޅުގަނޑަކީ ސަލާމަތީ ހިދުމަތްތަކުގައި 25 އަހަރުގެ ހިދުމަތްކޮށްދީފައި ހުރި މީހެއް. އެހެންވީމާގައުމަކީ ކޮބައިކަން. ގައުމީ ލޯބި އަޅުގަނޑުމެންގެ ތެރޭ. އެހެންވީމާ ގައުމީ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރެވޭނީ އަޅުގަނޑުމެން ގަބޫލުކުރާ ކަންތައްތަކެއް ހުރެގެން،" ރިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް