ކޮވިޑުގެ ހަރަދުތައް ހަތަރު ބިލިއަނާ ކައިރި ކުރަނީ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދައުލަތުން ކުރި ހަރަދުތައް 3.8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ސިއްހީ އަދި އިޖުތިމާއީ ހަރަދުތަކަށް ދައުލަތުން ވަނީ 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ކޮވިޑާ ގުޅިގެން އިގްތިސާދީ ކަންކަމަށް 1.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ސިއްހީ އަދި އިޖުތިމާއީ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީގެ ހަރަދުތައް 805.9 މިލިއަން ރުފިޔާއަށް އަރާއިރު، ދެވަނައަށް ގިނައިން ހަރަދުކުރީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިންނެވެ. އެންޑީއެމްއޭގެ ހަރަދުތައް 785 މިލިއަން ރުފިޔާއަށް އަރައެވެ.

ކޮވިޑާ ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް ހަރަދު ކުރި ގޮތަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ހޯދަން ޖެހޭ ތަކެތި ހޯދުމަށެވެ. މިކަމަށް ދައުލަތުން ވަނީ 1.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ.

ކޮވިޑާ ގުޅިގެން އިގްތިސާދީ ކަންކަމަށް ހޭދަ ކުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވަނީ ކޮވިޑް-19 ރިކަވަރީ ލޯނު ސްމީކަށެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަށް 420.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދިނުމަށް 172.4 މިލިއަން ރުފިޔާ އަދި ފެން ބިލުތަކުން ޑިސްކައުންޓް ދިނުމަށް 26 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

comment ކޮމެންޓް