ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕު ކުރަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.
ދޯހާގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ގައުމީ ޓީމު ވާދަކޮށްފައިވަނީ ގަތަރުގެ ދެވަނަ ޑިވިޝަންގެ ލުސެއިލް އެފްސީއާ ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ލުސެއިލްއިންނެވެ. އެޓީމުން މިލަނޑު ޖެހީ މެޗުގެ 24 ވަނަ މިނިޓުގައެވެ. ނަމަވެސް ހަތަރު މިނިޓު ފަހުން ރާއްޖެއިން މެޗުގެ ނަތީޖާ އެއްވަރުކޮށްލިއެވެ. މިލަނޑު 28 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ)އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ރާއްޖެއިން ލީޑު ނެގިއެވެ. މެޗުގެ ނަތީޖާ 2-1 އިން ބަދަލުކޮށްދިން ލަނޑު ޖަހައިދިނީ އަލީ ހައިޝަމް (ޗުމްޕު)އެވެ.
ލުސެއިލްގެ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިޔަކު ޗުމްޕުއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއިން ރާއްޖެއަށް މެޗުގެ ތިންވަނަ ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ)އެވެ.
މެޗުގެ 64 ވަނަ މިނިޓުގައި ޗުމްޕު އޭނާގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލިއެވެ. މިލަނޑު ޖަހަން ޗުމްޕުއަށް ފުރުސަތު ތަނަވަސްކޮށްދިނީ ދަގަނޑޭއެވެ.
ލުސެއިލްއިން މެޗުގެ ފަރަގު ކުޑަކޮށްލީ 69 ވަނަ މިނިޓާއި 86 ވަނަ މިނިޓުގައި ޖެހި ދެލަނޑާއެކުއެވެ. ލުސެއިލްއިން މެޗުގެ ނަތީޖާ 4-3 ބަދަލުކޮށްލި ނަމަވެސް ރާއްޖެއިން ވަނީ މެޗުގެ ލީޑު ދިފާއުކޮށް މޮޅެއް ހޯދާފައެވެ.
ގަތަރުގައި ކުރިއަށްދާ ކޭމްޕުގެ ތެރެއިން ރާއްޖެ އެކުވެރިކަމުގެ ދެވަނަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 25 ވަނަ ދުވަހު ރާއްޖެ ވާދަކުރާނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށެވެ.