ޓެރަރިޒަމަކީ ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޓެރަރިޒަމަކީ މިއަދު ވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުންކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އދ. ގެ 76 އާންމު މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމަށެވެ.

"ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ، ލިސްޓުގެ ކުރި ހޯދާނީ ޓެރަރިޒަމް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތްކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމެއްކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރުން މި ރާއްޖެ ވެސް ސަލާމަތް ނުވިކަމަށެވެ.

"މި އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ، ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް. މިފަދަ ހަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކެން އަޅުގަނޑުމެންނެއް ނުތިބޭނަން،" ރައީސް ވިދާޅުވިއެވެ.

"ހުރިހާ މާނައެއްގައި އަދި ހުރިހާ ސިފައެއްގައި އަޅުގަނޑުމެން ޓެރަރިޒަމް ކުށްވެރިކުރަން. އަދި ބައިނަލްއަގްވާމީ މުޖުތަމައާއެކު ފުރިހަމައަށް އެއްބާރުލުންދީގެން މި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގައި މިރޭ ރައީސް ތަގުރީރު ކުރައްވާފައިވާއިރު ރައީސްވަނީ ވަރަށް ގިނަ ދާއިރާތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާއި، ކޮވިޑް19ގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވާފައިވަނީ ދިވެހިބަހުންނެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފެށިފައިވާއިރު މި 76ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

comment ކޮމެންޓް