ރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ނޯވެވޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ދެމި ނޯވެވޭ ދުނިޔެއެއްގައި އެހެން އެއްވެސް ގައުމަކަށް ދެމި ނޯވެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އދ. ގެ 76 އާންމު މަޖިލީހުގެ، ޖަލްސާގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެ ވެސް އެކަމާ ވިސްނަން ޖެހިފައިވާ ބޮޑު މައްސަލައެއްކަމަށެވެ.

"ދިވެއްސަކަށް ދިރި ނޫޅެވި، ދިވެހިރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެކމަުގެ ޔަގީންކަމެއް ނޯންނާނެ. މި ހަގީގަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މައުސޫމް ކަރުދާސްތަކެއް އަޅުގަނޑު އަތުގައި އެބަހުރި. މިއީ އެ ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގެ ތިމާވެށި ރައްކާތެރިކޮށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން މަސައްކަތްކުރުމަކީ މިއަދު ބޮޑުވަމުން އަންނަ ހުރިހާ ކުދިންގެ ވެސް އެދުންކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް މިއަދު މި އަޑު އަހަންޖެހޭ، ސަލާމަތުގެ އައްސޭރިއަށް ވާސިލްވުމުގެ އުންމީދު އަދި މުޅިން ގެއްލިއެއް ނުދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް ބޭރުކުރާ މިންވަރު މަދުކުރަން ޖެހޭކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތަކީ މެދުކެނޑުމެއް އައިސްގެންވާނެ ކަމެއް ނޫންކަމަށެވެ.

"ބައިނަލްއަގްވާމީ މުޖުތަމައުގެ މަދަދާއި އެހީއާއެކު 2030އަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ރާއްޖެވަނީ އަޒުމްކަނޑައަޅާފައި،" ރައީސް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގައި މިރޭ ރައީސް ތަގުރީރު ކުރައްވާފައިވާއިރު ރައީސްވަނީ ވަރަށް ގިނަ ދާއިރާތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާއި، ކޮވިޑް19ގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވާފައިވަނީ ދިވެހިބަހުންނެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފެށިފައިވާއިރު މި 76ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

comment ކޮމެންޓް