ކޮވިޑުން ރަނގަޅުވުމުން ސުޒޭން ގަތަރަށް ފުރައިފި

ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން (ވ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ކ) --- ފޮޓޯ//ބައްސާމް އަދީލް ޖަލީލް

ގައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު، އަލީ ސުޒޭން ކޮވިޑުން ރަނގަޅުވުމާ އެކު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ގަތަރަށް ފުރައިފިއެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ސްކޮޑަކާ އެކު މާލޭގައި މިދިޔަ މަހުން ފެށިގެން ފަރިތަކުރުންތައް ފުރަހަމަ ކުރަމުން އައި ޓީމުގެ ކޯޗަކީ ސުޒޭންއެވެ. ކުރިން އެ މަގާމުގައި ހުރި ނެދަލޭންޑްސްގެ މާޓިން ކޫޕްމަން މަގާމުން ވަކިކުރުމާ އެކު އެ ޒިންމާ ސުޒޭންއަށް ހަވާލު ކުރި އިރު އޭނާ އައީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ވެސް ކުރަމުންނެވެ.

އަންނަ މަހު އެކެއްގައި ފަށައި ސާފަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހު ގައުމީ ޓީމު ގަތަރަށް ފުރުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުން ޕޮޒިޓިވްވީ ސުޒޭން އެކަންޏެވެ. މި މަހުގެ ނުވަވަނަ ދުވަހު އޭނާ ޕޮޒިޓިވްކަން އިނގުމާ އެކު 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ވަނީ ފުރިހަމަ ކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ސުޒޭން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ގަތަރަށް ފުރާފައިވާކަން ވަނީ ހާމަކޮށްފައެވެ. އެހެން ކަމުން ސުޒޭންއަށް ޓީމާ އެކު ފަރިތަކުރުންތަކުގައި އިތުރު ހަތް ދުވަސް ލިބޭނެ އެވެ. ގައުމީ ޓީމު މުބާރާތް ކުޅުމަށް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

މި މުއްދަތުގެ ތެރޭގައި އެކުވެރިކަމުގެ މެޗުތަކެއް ގައުމީ ޓީމުން ކުޅޭނެއެވެ.

ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހު 1-16 އަށެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު އެކެއްގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު ހަތެއް ގައެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

comment ކޮމެންޓް