މުސާރަ ބޮޑުކުރުން ލަސްވަނީ ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނުމުން ދެކޮޅު ނުޖެހޭ: ވައްްޑެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ލަސްވަނީ ކޮވިޑް-19ގެ ސަބަބުން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ދެކޮޅު ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލާ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވީ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ވައްޑެ ވިދާޅުވީ މި މައްސަލައިގައި އަބަދުވެސް މޮޅެތި ވާހަކަތައް ދެއްކިދާނެ ކަމަށެވެ.

ވަައްޑެ ވިދާޅުވީ މުސާރަ ބޮޑުކުރުން ލަސްވަނީ ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެ ބަހަނާ ދެއްކިދާނެ ކަމަށާއި ނަމަވެސް އެ ބަހަނާ ދެކޮޅު ނުޖެހޭ ކަން ހާމަވާ ކަންކަން އެބަހުރި ކަމަށެވެ.

"ބަދަލުގެ ގޮތުގަ ބިލިއަނުން ފައިސާ އެބަ ހޭދަކުރެވޭ ކޮވިޑްގެ ތާށީގެ ތެރޭގަ. ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން އަޅަމުން އަޅަމުން ގޮސް އަދި ހާއްސަކޮށް އަޅުގަނޑުމެންގެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް، އެ ބޭފުޅުންގެ އެތެރޭގެ އިންތިހާބުތަކުގެ ކެމްޕެއިނަށް ވަކިވަކި ކެނޑިޑޭޓުން ނަގަން ވެގެން ކުންފުނިތަކުން އެ ކުރަމުންދާ މަސައްކަތްތައް." ވައްޑެ ވިދާޅުވިއެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރުން ބަޖެޓުން ބޭރުން ވެސް މިލިއަނުން ބިލިއަނުން ހޭދަކުރަމުން އަންނަ ކަމަކީ މީގެ އެއް ދަލީލު ކަމަށް ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރުން ވައްޑެ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރެވިގެން އުޅޭ ހަގީގީ ސަބަބު ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލައަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން ތާއީދުކޮށްފައެވެ.

comment ކޮމެންޓް