ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުވާ މީހުން ބަންދުގައި ބެހެއްޓޭނެ: އޭޖީ

ބަންޑާރަ ނައިބު ރިފްއަތު މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ-- ފޮޓޯ/ މަޖިލިސް

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުވާ މީހުންނާއި ހަނގުރާމަތަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުން ދޫވިޔަ ނުދީ ހިފަަހައްޓަން ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިފްއަތު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޭނާ ހާޒިރުކޮށް، މެންބަރުން ސުވާލު ކުރުމުންނެވެ.

އެގޮތުން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ވަނީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބެހެއްޓުމުގެ ބާރު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވުމާ ގުޅިގެން، އެކަމަށް ހުރި ހުރަސް ތަކަކީ ކޮބައިތޯ ބަންޑާރަ ނައިބާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އޭޖީ ރިފްއަތު ވިދާޅުވީ ޓެރަރިޒަމް ގާނޫނުގެ ދަށުން ދެ އިޖުރާއަތެއް އޮތް ކަމަށާއި އެގޮތުން މޮނިކޮން އަމުރު ނެރެގެން މީހުން ހައްޔަރު ކުރަން ހޯމް މިނިސްޓަރަށް ބާރު ލިބިގެންވާ ކަމަށެވެ.

ހަމައެހެންމެ އާންމު ހާލަތުގައި މީހުން ހައްޔަރުކުރާ އުސޫލުން ހައްޔަރު ކޮށްގެން ބަންދުގައި ބައިތިއްބައިގެން މީހުން ރިހެބިލިޓޭޓް ކުރުމުގެ ބާރު ވެސް އޮންނާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.

އޭޖީ އިތުރަށް ވިދާޅުވީ މި ދެ އިޖުރާއަތަކީ އެހެނިހެން ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ. އަދި ގާނޫނުގައި މިކަން ސާފުކޮށް އޮންނައިރު، އެގޮތަށް އަމަލުކުރެވޭނަމަ މިކަމަށް ހައްލު ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ހާލަތެއްގައްޔާއި ހަނގުރާމައަށް ދިއުމަށް ފަހު އަނބުރާ އަންނަ މީހުންނަކީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަރާތްތައް ކަމަށް ބަލާ އެ މީހުން ބަންދުގައި ބޭތިއްބުމުގެ ފުރުސަތު ވެސް ގާނޫނުން ފަހިކޮށްދީފައިވާ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

"މިގޮތުން ފުރަތަމަ 30 ދުވަހުގެ މުއްދަތަކަށް އަދި އެ މުއްދަތުގައި ހަދާ ރިސްކު އެސެސްމެންޓަށް ފަހު، އެފަރާތަކީ ޓެރަރިޒަމްގެ އަމަލުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ކަނޑައަޅާ، އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ހިންގައި ނިމެންދެން ފުލުހުންނަށް އެމީހަކު ބަންދުގައި ބެހެއްޓިދާނެ،" ރިފްއަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތުން ހައްޔަރުކުރާ މީހުން ފުރަތަމަ 24 ގަޑިއިރު ކޯޓުގެ އަމުރަކާ ނުލާ ވެސް ބަންދުގައި ބެހެއްޓޭނެ ކަމަށެވެ.

comment ކޮމެންޓް