ކައުންސިލަކުން ނެރޭ ނޫސްބަޔާނެއް ބާތިލުކުރަން ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ)އަށް ނޭންގޭނެ ކަމަށް އެ އިދާރާއަށް ވެސް ގާނޫނީ ލަފާ އަރުވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ނ. ކެނދިކުޅުދޫ ކައުންސިލުން ވަނީ އެއީ ކެމްޕޭން ހަރަކާތަކަށް ދައުލަތް ބޭނުންކުރުން ކަމަށް ބުނެ ނުރުހުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ. އެލްޖީއޭއިން ވަނީ އެ ބަޔާން ބާތިލުކުރަން އަންގައި، އެ ރަށު ކައުންސިލަށް ސިޓީއެއް ފޮނުވައިފައެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، ކައުންސިލަކުން ނެރޭ ނޫސް ބަޔާނެއް ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި އެލްޖީއޭއިން އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
އެހެންވެ، އެގޮތަށް އަމަލުނުކުރެވޭނެކަން އެ އިދާރާއަށް އަންގާފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
"ކައުންސިލަކުން ނޫސްބަޔާނެއް ނެރުނީމާ، އެ ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ދަތި. އަޅުގަނޑު ގަބޫލުކުރާ ކަމެއް ވެސް ނޫން،" ބަންޑާރަނައިބު ވިދާޅުވިއެވެ.
އެލްޖީއޭއިން ކައުންސިލަކުން ނެރުނު ބަޔާނެއް ބާތިލުކުރަން އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާފައިވަނީ އެލްޖީއޭއަށް އެގޮތަށް އަމަލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ކެނދިކުޅުދޫ ކައުންސިލުން ވަނީ ރައީސްކުރައްވާ ދަތުރުފުޅުތަކުގައި ކެމްޕޭން ކުރައްވާ ކަމަށް ބުނެ، ކުށްވެރިކޮށް ބަޔާނެއް ނެރިފައެވެ. އެ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ ކައުންސިލުން އިންތިޒާމުކުރި ރަސްމީ ހަރަކާތެއްގައި ކައުންސިލުގެ ހުއްދަ ނެތި، ސަރުކާރު ހިންގާ ޕާޓީއަަށް ތާއީދު ހޯދަން ރައީސް ވާހަކަފުޅުދެއްކެވީ ކަމަށެވެ.
އެލްޖީއޭއިން ވަނީ އެ ބަޔާން ބާތިލުކުރަން އަންގައިފައެވެ. އެކަމަކު، އެ ރަށު ކައުންސިލުން ނިންމީ ބަޔާން ބާތިލުނުކުރާށެވެ.
މިކަން ކުށްވެރިކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މީގެ ކުރިން ނެރުނު ބަޔާނުގައިވަނީ ސަރުކާރުން ކައުންސިލްތަކަށް ބިރު ދައްކައި، ކައުންސިލްތަކުގެ ބާރު ހަނި ކުރުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުކޮށްފައެވެ.
އެކަމަކު، ކައުންސިލްތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ކައުންސިލްތައް ހަގީގީ މާނައިގައި ބާރުވެރިކުރުވުމަށް ކަމަށެވެ.