އަންނަ ހަފްތާގައި މާމިގިއްޔާއި ބެންގަލޫރާ ދެމެދު ފްލައިމީގެ ދަތުރުތައް ފަށަނީ

ފްލައިމީގެ ބޯޓެއް މާމިގިލީ އެއާޕޯޓުގައި--

އަންނަ ހަފްތާގައި މާގިމިލީ އިންޓަނޭޝަނަލް އެއާޕޯޓާއި ބެންގަލޫރާ ދެމެދު ފްލައިމީގެ ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ވިލާ އެއާގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ނާޝިދު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ދަތުރުތައް ފަށާނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން ފްލައިމީއިން ކޮންމެ ހަފްތާއަކު ދެ ދަތުރު މާމިގިއްޔާއި ބެންގަލޫރާ ދެމެދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އާދީއްތަ ދުވަހާއި ބުދަ ދުވަހެވެ.

ނާޝިދު ވިދާޅުވީ، ދަތުރުތައް އޮންނަ ދެ ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކުވެސް މާމިގިލިން ފުރާނީ ހެނދުނު 10:30ގައި ކަމަށާއި އަނބުރާ މާމިގިއްޔަށް އަންނާނީ ހަވީރު 04:30ގައި ކަމަށެވެ. އެއީ އެ ދުވަހަކު ދާ ފްލައިޓް ހަމަ އެ ދުވަހަކު އެނބުރި މާމިގިއްޔަށް އަންނާނެތީއެވެ.

މި ދަތުރުތަކުގައި ބޭނުންކުރާނީ ފްލައިމީގެ 72 ގޮނޑީގެ ޖާގަ ހިމެނޭ ފްލައިޓްތަކެއް ކަމަށް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ ފްލައިމީގެ އެ ދަތުރުތައް ފެށުމުން، ފަތުރުވެރިން ދާން ބޭނުންވާ މަންޒިލްތަކަށް ވާސިލްވުމަށްޓަކައި މާލެ ދިއުމުގެ ބަދަލުގައި އދ. އަތޮޅަށް ދެވޭނެ ކަމަށެވެ. އެހެންކަމުން މި ދަތުރުތައް ފެށުމުން ފަތުރުވެރިންނަށް ވަރަށް ބޮޑަށް ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެކި ގައުމުތަކުން އަދި އެކި ސަރަހައްދުތަކުން ބައިވަރު މީހުން އަންނަ ތަނަކަށް ވުމުގެ އިތުރުން މިވަގުތު އެއާޕޯޓް ތަރައްގީ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އިންޓަނޭޝަނަލް ފްލައިޓް ޖެއްސުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެއާޕޯޓްތަކަށް 'މޮޑެލް'އަކަށް ވާނެ ކަމަށް ނާޝިދު ސިފަކުރެއްވިއެވެ.

މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރިން ދީފައިވާ އިންޓަނޭޝަނަލް ލައިސެންސް ބާތިލްކުރީ ސިޔާސީ ސަބަބުތަކަކަށް ޓަކައިކަން ފާހަގަކުރައްވައި ނާޝިދު ވިދާޅުވީ، މިފަހަރު އަލުން ދަތުރުތައް ފަށާއިރު ހަމައެކަނި އެއާޕޯޓްގެ ނަން ބޯޑު ބަދަލުނުކޮށް އިންޓަނޭޝަނަލް ފްލައިޓްތައް ޖައްސާ މަންޒިލަކަށް މާމިގިލި އެއާޕޯޓް ވާނެ ކަމަށެވެ.

މާލެ އަތޮޅު ފިޔަވައި އެންމެ ބެޑް ކެޕޭސިޓީ ބޮޑު އަތޮޅަކީ އަރި އަތޮޅުކަން ފާހަގަކުރައްވައި ނާޝިދު ވިދާޅުވީ އިމިގްރޭޝަން އަދި ބޯޑާ ކޮންޓްރޯލް ފަދަ ހިދުމަތްތައް އެ ސަރަހައްދުގައި ފެށިއްޖެ ނަމަ އަރިއަތޮޅުގެ ރިސޯޓްތަކަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް