އާ އޮނިގަނޑާއެކު މުސާރައިގެ ފަރަގު ނައްތާލެވޭނެ: ޕޭ ކޮމިޝަން

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް އެކުލަވާލެވޭ މުސާރައިގެ އޮނިގަނޑާއެކު ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވޭނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ޕޭ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްކުގެ މައުލޫމާތު ދިނުމަށް ނެރުނު ބަޔާނެއްގައި ވަނީ މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރުގެ ތެރޭގައި ޢިއުލާނު ކުރާނެ ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައެވެ.

މި ބަޔާނުގައި ވަނީ ކޮވިޑް-19 ގެ އެންމެ ދަތި ހާލަތުގައި ވެސް ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ ކުޑަ ކޮށްފައިނުވާ ކަން ފާހަގަކޮށްފައެވެ.

ޕޭ ކޮމިޝަނުން ބުނީ ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭހެން އެކުލަވާލަމުން އަންނަ މުސާރައިގެ އާ އޮނިގަނޑު މި އަހަރު ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ.

"މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެ. މި ޕޭ ފްރޭމްވަރކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށްވެސް އެކަށޭނަ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެ." ޕޭ ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން މި އޮނިގަނޑު ކަނޑައަޅާފައިވަނީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައި ކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ އެގޮތުން މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ޢިލްމީ ގާބިލުކަމާއި ފަންނުވެރިކަމާއި، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި، ކުރިމަތިވެދާނެ ތަފާތު ވައްތަރުގެ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިލާންޖެހޭނެ ޖިސްމާނީ ބުރަތަކަށް ބަލައިގެން ކަަމަށެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މި އޮނިގަނޑަށް އަމަލުކުރަން ފެށުން ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް