ރޯދަމަހުގެ ފަހު 10ގައި ވަޒީފާއަށް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް

މި ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކުގައި، ވަޒީފާއަށް ނުކުންނަންޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްސަ އިނާޔަތް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން ރައީސް މުއިއްޒު ވަނީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އެގޮތުން އެ ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ ކޮންމެ މުވައްޒަފަކަށް އިނާޔަތެއް ދިނުމަށް އެމަނިކުފާނު ނިންމެވުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ އެކަން އިއުލާނުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ހަތް ވަނަ އިސްލާހުގައިވާ ގޮތުގައި، ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން މަސައްކަތަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭން ޖެހޭނެއެވެ.

އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ދޭންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.

އަދި ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން، ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވެސް ހިސާބުކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވެއެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންޖެހޭނެއެވެ. މި ގާނޫނުގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނެއް ނުހިމެނޭނެއެވެ.

މި އަހަރު ރޯދަމަހުގެ ފަހު 10 އާ އެކު ސަރުކާރު މުވައްޒަފުންނަށް ބޮޑު ބަންދެއް ލިބެއެވެ. ރައީސް ވަނީ ކުޑަ ޢީދު ހަފުތާ ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވައިފައެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ އާއިލާއާ އެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރަން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް

comment މޮހޮނު

1 week 2 day ago

ވަޒީފާއަށް ނުކުތަސް ވިލާ މުއައްޒަފުންނަށް 3މަސްވަނީ ސާވިސްޗާޖް ނުދޭތާ ކާކުގާތަށް މިކަމާދާނީ؟ ބެލޭނެ އޮފީހެއް އެބަހުރިތަ؟؟

comment ސުވާލު

1 week 2 day ago

އަޅުކަންކުރާތީ އެލަވަންސް ދޭ ޤައުމެއް ދެން އޮވޭތަ؟

comment މިސަން

1 week 2 day ago

ސިޔާސަތުތައްހަމަ ލާހޫރެނީ . ވާއެއް ނުވާއެއް ހެދޭނެހެދޭ އެއް އެގެނީ އެއްނޫން. ޕާކިސްތާނުތަންތާގަ ގަބީލާ ވެރިކަންކުރާފާޑަށް ވެރިކަންކުރާތަން ފެންނަނީ.

comment ހިތްހަމަޖެހުން

1 week 2 day ago

ހިތްހަމަ ޖެހިގެން މަދުވަގުތުކޮޅެއް ތެރޭގައި ކުރާ މަސައްކަތް މާ ރަނގަޅު ހިތްމަޖެހުން ނެތި 8 ގަޑި އިރު މަސައްކަތް ކުރުމަށްވުރެން، ނަތީޖާ މާބޮޑަށްވެސް ރަނގަޅު

comment އަލީ

1 week 3 day ago

މިއީ ދީނާ ގުޅުންހުރި ކަމެއް ނޫން ފަހު 10 ގައި ބަންދުކުރުން މިއީ. ތެލުގެ ގޮތުން މުއްސަނދި ، މަސައްކަތެއް ނުކޮށް ، ކަންނެއްކަމުގައި އުޅޭ ޢަރަބިން ކޮޕީކުރުން. މީގެ ސަބަބުން އިގުސާދަށްކުރާނެ އަސަރަށް ބަލާލެވުނުބާވައޭ ހިތަށް އަރަނީ. ރާއްޖެ ބަދަލުވަމުން މިދަނީ ދީނީ ހަރުކަށި ވިސްނުމަށް

comment އައްޓަމަސް

1 week 3 day ago

މުސާރައިގެ އިތުރުން؟ މީ ކިހާ ދެރަކަމެއް. ކޮންތާކުންބާ މުސާރަ ދޭން މިހުރިހާ ފައިސާ ހޯދާނީ؟ ނުވިސްނާ ނިންމާ ކަންކަމުގެ ނުބައި ނަތީޖާތަކާ ތަކްލީފު ތަހައްމަލު ކުރަން މިޖެހެނީ ރައްޔިތުންނަށް!

reply މެސީ1

1 week 2 day ago

ނުވިސްނާ ފްލެޓްތައް ބަހާލީމަ އޯކޭ ދޯ

comment ކިހާދެރަކަމެއް

1 week 3 day ago

އެލަވަންސްތައް ނުލިބޭ މީހުން ބައިވަރު. އެއް ބަޔަކު ބޮޑު ޗުއްޓީގައި، އަނެއް ބަޔަކު މަޖުބޫރު ހާލަތުގައި އޮފީހަށް.

comment މާއިރާ

1 week 3 day ago

ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ޑާބަލް އިތުރުން އޯޓީ އަނެއްކާ އިތުރުން އިނާޔަތެއް އޮބި ނޯންނަ ވަރަށް

comment ޖަގާ

1 week 3 day ago

މި ސަރުކާރުން ފަހުދިހަ ގުނަން މިފެށީ 20 ވަނަ ދުވަހުން. މީތި ކަޑަ. ފަހުދިހަ ފެށޭނީ 21 ގަ.

comment މަ

1 week 3 day ago

މުޅިން އޮޅުވާލުން،