މިރޭގެ ސުލްހަވެރި އެއްވުމުގައި ނޫސްވެރިންނަށް ދިން އަނިޔާ ކުށްވެރިކުރަން: ޕީޕީއެމް

ފެބްރުއަރީ 26، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށާއި، އާންމުންނަށް ލިބުނު އަނިޔާ އެ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިރޭގެ އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ބޭނުންކޮށްފައިވަނީ ހާލަތާ ނުބައްދަލު ބާރުކަމަށެވެ.

"އެގޮތުން މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން ފައި ފަޅައިގެން ދިއުމުގެ އިތުރުން އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިއެއްގެ ބޯ ފަޅައިގެން ގޮސްފައިވާކަމާއި، އެއްވެސް ބަލާލުމެއް ނެތި އިހުތިޖާޖުގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހާ ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ބައިވެރިވެފައިވާ އެތައް ރައްޔިތުންނެއް ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަ ކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ކޯލިޝަނުން ވަނީ އެ އިހުތިޖާޖު ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް ލިބުނު އަނިޔާ ވެސް ކުށްވެރިކޮށްފައެވެ.

"ނޫސްވެރިންނަށް ޢަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހުމުގެ އިތުރުން ގަސްތުގައި އަނިޔާކޮށްފައިވާ ތަން ވެސް ވަނީ ފެނިގެން ގޮސްފައެވެ. އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ދީފައިވާ އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިދިކޮޅުންވަނީ މި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ހިއުމަންރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކުން އެ ކަންކަން ބައލާ ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލިއެވެ.

މީގެ އިތުރުން މީޑިއާތަކަށް ހުރަސް އަޅާ ނޫސްވެރިނަށް ދިން އަނިޔާތައް ބަލާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިނަށް އެ ކޯލިޝަނުން ގޮވާލިއެވެ.

މިރޭ އެ ކޯލިޝަނުގެ އިހުތިޖާޖު ރޭގަނޑު 20:00 ގައި ފެށި އިރު އެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު އެ އިހުތިޖާޖު ކަވަރު ކުރަން ނޫސްވެރިން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ނަމަވެސް އެ އިހުތިޖާޖު ރޫޅާލުމުގެ ގޮތުން އެސްއޯ ފުލުހުން އިހުތިޖާޖުގެ ބައިވެރިންނާ އަރާ ހަމަކޮށްފައެވެ. އަދި އެ އިހުތިޖާޖު ރޫޅާލުމުގެ ގޮތުން ޗާންދަނީ މަަގުގައި، ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފައިވެއެވެ. އެއާއެކު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާއި އާންމުނަށް ގިނަ އަނިޔާތަކެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް