އުންމީދަކީ މުސާރަ އަވަހަށް ބޮޑުވުން، ޕޭ ކޮމިޝަނަށް އިތުބާރު އެބައޮތް: ނާސިހު

ސިވިލް ސާވިސް މުވައްޒަފުންގެ އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ/ ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން

އުންމީދަކީ ވަރަށް އަވަހަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވުން ކަމަށާއި ޕޭ ކޮމިޝަނުން އެކަން ކުރާނެ ކަމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖެއް ވަނީ ފަށައިފައެވެ. އެ އިހުތިޖާޖަކީ ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން ރާވާ ހިންގާ އިހުތިޖާޖެކެވެ.

ސިވިލް ސާވިސް މުވައްޒަފުން ކުރަމުންގެންދާ އިހުތިޖާޖާ ގުޅިގެން ސީއެސްސީގެ ރައީސް ނާސިހު "ސަން"އަށް ވިދާޅުވީ އިހުތިޖާޖު ކުރާ ކަން ރަސްމީ ކޮށް ކޮމިޝަނަށް އެނގިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮން ބައެއް ކަމަށް ހަގީގަތަކު ނޭނގޭ އިހުތިޖާޖު ކުރައްވަނީކީ. ސިވިލް ސާވަންޓުން ކުރާ ކަމަށް މި އޮންނަނީ. އަޅުގަނޑުމެންނާ ހިސާބަކަށް ސިވިލް ސާވަންޓުންގެ އެއްވެސް ގުރޫޕަކުން އައިސް ބައްދަލުކޮށްފައެއް ވެސް ނެތް. ކަންބޮޑުވުމެއް ވެސް ފާޅުކުރައްވާފައެއް ނެތް،" ނާސިހު ވިދާޅުވިއެވެ.

ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖުގައި-- ފޮޓޯ/ ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން

ސިވިލް ސާންވަންޓުންގެ މައިގަނޑު ޑިމާންޑުތަކެއްގެ ގޮތުގައި ވަނީ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމެވެ.

މިކަމާ ގުޅިގެން ނާސިހު ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކަމަށް ގަބޫލުކުރައްވާ ކަމަށާއި މުސާރައަށް ބަދަލުތަކެއް ގެނައުމަށް ކޮމިޝަނުން ވެސް ބައެއް މަސައްކަތްތައް ކޮށްފައިވާނެ ކަމަށެވެ.

ސިވިލް ސާވިސްގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަން ފާހަގަކުރައްވާ ނާސިހު ވިދާޅުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެކި އޮނިގަނޑުތައް އެކުލަވާލައި، ޕޭ ކޮމިޝަނަށް ފޮނުވައިފައިވާނެ ކަމަށެވެ.

ލަސްވަނީ ކޮވިޑާ ހެދި!

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ކުރި ނޭދެވޭ އަސަރާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ވެސް އޭގެ އަސަރު ކުރިއެވެ.

ކެޕްޝަން..

އެކަން ފާހަގަކުރައްވާ ނާސިހު ވިދާޅުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސީއެސްސީއަށް ފޮނުވައިފައިވާ އޮނިގަނޑު ތަންފީޒުނުކުރެވިގެން އުޅެނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ފަހުން މައުލޫމާތު ދެއްވާފަ އޮތީ މި އަހަރުގެ ތެރޭގައި އޭގެ މަސައްކަތް މުޅިން ނިންމާލައި ޕޭ ކޮމިޝަނުން ވެސް އޭތި ހާމަކުރައްވާނެ ކަމަށް. އެހެންވީމާ އަޅުގަނޑުމެން ވެސް އުންމީދުކޮށްގެން މި ތިބެނީ ސިވިލް ސާވަންޓުންގެ މުސާރަތައް ވީހާ ވެސް އަވަހަކަށް ބޮޑުވެގެންދާ ތަން ދެކެން،" ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރާނީ ޕޭ ކޮމިޝަނުން ކަމަށާއި އެ ކޮމިޝަނުން އެ މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖުގައި-- ފޮޓޯ/ ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން

އެއްވެސް އިދާރާއަކުން ގަސްތުގައި މުސާރަ ބޮޑުނުކޮށް، ހިފަހައްޓައިފާނޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކި ސަބަބުތަކާ ހެދި މުސާރަ ބޮޑުނުކުރެވުނު ނަމަވެސް ޕޭ ކޮމިޝަނަށް ފުރިހަމަ އިތުބާރު ކުރައްވާ ކަމަށް ނާސިހު ވިދާޅުވިއެވެ.

އެލަވަންސް ދިނުމުގައި ބައެއް ވުޒާރާތަކަށް ތަފާތުކުރުންތަކެއް!

ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި މުސާރައިގެ ތަފާތު ކުރުންތަކެއް ގެންގުޅޭ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ގިނަ މިނިސްޓްރީތަކުގެ މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސެއް ލިބޭއިރު، އެޑިއުކޭޝަން މިނިސްޓްރީއާއި ޔޫތު މިނިސްޓްރީގެ މުވައްޒަފުންނަށް މި އެލަވަންސް ނުލިބޭކަމުގެ ޝަކުވާ އެ ދެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ކޮށްފައެވެ.

ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖުގައި-- ފޮޓޯ/ ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން

ނާސިހު ވިދާޅުވީ ވަޒީފާ އަދާކުރާ ބައެއް ދާއިރާތަކުގެ ސަބަބުން ލިބޭ އެލަވަންސްތަކެއް މިހާރު ހުންނަ ކަމަށާއި ނަމަވެސް ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމަކީ އެލަވަންސެއް އުނިވާން ޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެ އެލަވަންސްތައް ވެސް ހުންނަން ޖެހޭނީ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ސްޓްރީމްލައިން ކުރެވިގެން. އެއް ބާވަތެއްގެ މަސައްކަތެއް ކުރާ ކަމަށް ވަންޏާ މަސައްކަތްކުރާ ވަކި އިދާރާއެއްގެ ސަބަބުން އުނިވެގެން ނުވާނެ" ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ ޕޭ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން މި ހުރިހާ މައްސަލައަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް