އިޝާންގެ "ޕިއްޕާ"ގެ ޝޫޓިން ފަށައިފި

ފިލްމުގެ ފަސްޓްލުކް---

ދެހާސް އަށާރަވަނަ އަހަރު ނުކުތް ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ ގެ ކުރިއަށް އޮތް ފިލްމު "ޕިއްޕާ"ގެ ޝޫޓިން ފަށައިފިއެވެ.

"ޕިއްޕާ" އަކީ ހަނގުރާމަ ފިލްމެކެވެ. ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކުރާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ އާއި ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ ފަސްޓްލުކް އިޝާން އާއެކު މިހާރު ދައްކާލައިފައިވާއިރު އޭނާ އަންނަނީ ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިންކުރަމުންނެވެ.

ބްރިގޭޑިއާ ބަލްރާމް ސިންހް މެހެތާގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ބަލްރާމްގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ އިޝާން އެވެ. ބްރިގޭޑިއާ ބަލްރާމް އަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނު ކުރި ހަނގުރާމައިގައި މަސައްކަތްކުރި އަސްކަރިއްޔާ އޮފިސަރެކެވެ.

ފިލްމާ ގުޅޭގޮތުން އިޝާން ބުނީ ބަލްރާމް ފަދަ ވަރުގަދަ މީހެއްގެ ރޯލު ކުޅެލަން ލިބުމުން އުފާވާ ކަމަށާއި ކެރިއަރުގެ ކުރީކޮޅު ބޮޑު ފިލްމެއް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި ފިލްމުގެ ޓެގްލައިނަކީ "1971:އަ ނޭޝަން ކަމްސް އޮފް އޭޖް" އެވެ.

އެކްޓަރު އިޝާން އަށް އަސްކަރީ ވަރުގަދަ ރޯލެއް ކުޅުން ލިބުނުއިރު އޭނާ އާއެކު ބޮލީވުޑަށް ތައާރަފްވި ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ވަނީ ދާދި ފަހުން އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ފިލްމެއް ކުޅެފައެވެ.

comment ކޮމެންޓް