އަންނަ މަހު ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާންގެ ބޮލީވުޑް ފިލްމާ ދެކޮޅަށް އިންޑިއާގެ ސިޔާސީ ޕާޓީއަކުން ނުކުމެއްޖެއެވެ.
ޕާކިސްތާނުގެ ފިލްމީ ތަރިންގެ އިތުރުން މިއުޒިކް ފަންނާނުން އިންޑިއާގައި އަލުން މަސައްކަތް ކުރުމުގެ ހުއްދަ ބޮމްބޭގެ ހައިކޯޓުން ދިނުމާ މެދު މަހާރަޝްތުރާގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކުން ދެކޮޅުވެރި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ހަމައެއާއެކު ފަވާދު ޚާން ބޮލީވުޑަށް އެނބުރިއައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިންޑިއާގެ ސިޔާސީ ދެ ޕާޓީއެއް ކަމަށްވާ ޝިވް ސެނާ އާއި މަހާރަޝްތުރާ ނަވްނިރުމަން ސެނާ (އެމްއެންއެސް) ޕާޓީއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ ބަހުސްތައް އުފެދެން ފެށީ ފަވާދު ޚާން އާއި ބޮލީވުޑް ބަތަލާ ވާނީ ކަޕޫރު މުހިއްމު ރޯލް ކުޅޭ ފިލްމު "އަބީރު ގުލާލް"ގެ ޓީޒާ ރިލީޒްކުރުމާ ގުޅިގެންނެވެ.

ފަވާދު ޚާން އަދި ބޮލީވުޑް ބަތަލާ ވާނީ ކަޕޫރު ދެ ތަރިން އެކީގައި ކުޅޭ ބޮލީވުޑް ފިލްމު "އަބީރު ގުލާލް"ގެ މަންޒަރެއްގައި--ފޮޓޯ/ޓްރައިބިއުން
ފަވާދު ޚާން އިންޑިއާއަށް އެނބުރި އައުމާ ދެކޮޅަށް ވާހަކަ ދައްކާފައިވާ ދެ ޕާޓީގެ އިސްވެރިން ބުނެފައި ވަނީ ކުރިން މި ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް އެމީހުންނަށް ނޭނގޭކަމަށާއި ފަވާދުގެ ފިލްމެއް އިންޑިއާގައި ރިލީޒްކުރާކަން އެނގުނީ ފިލްމުގެ ޓީޒާ ރިލީޒްކުރުމުން ކަމަށެވެ.
ޕާކިސްތާނުގެ އެކްޓަރަކު އުޅޭ ފިލްމެއް އިންޑިއާގެ މަހާރަޝްތުރާގައި ރިލީޒްވިޔަ ނުދޭނެ ކަމަށާއި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ރަސްމީ ބަޔާނެއް ވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށް ދެ ޕާޓީގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ މީޑިއާގައި ބުނެފައެވެ.
ޝިވް ސެނާ ޕާޓީގެ ލީޑަރު ސަންޖޭ ނިރުޕަމް މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ޕާކިސްތާނު އެކްޓަރުން ހިމެނޭ ފިލްމުތަކަކީ އިންޑިއާގެ އޯޑިއަންސްގެ ތަރުހީބު އެހާބޮޑަށް އޮންނަ ފިލްމުތައް ނޫން ކަމަށާއި ޕާކިސްތާނު އެކްޓަރުންގެ ފިލްމުތައް ބަލާ މީހުން ވަރަށް މަދު ކަމަށެވެ.
ޕާކިސްތާނު ފިލްމުތައް އިންޑިއާގައި ރިލީޒްކުރުމާއި އެ ޤައުމުގެ ފިލްމީ ތަރިންނަށް އިންޑިއާގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި އިންޑިއާގެ ސަރުކާރަށް ކަމަށާއި ހައިކޯޓަކުން އެކަން ނުނިންމޭނެ ކަމަށް ޝިވް ސެނާ ޕާޓީގެ ލީޑަރު ވަނީ ބުނެފައެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނަށް އިންޑިއާގެ ގިނަ ބައެއްގެ ތަރުހީބު އޮންނަ ކަމެވެ.
ޕާކިސްތާނު ޓީވީ ޑްރާމާ ތަކަށް ވެސް އިންޑިއާގައި ވަރަށް ބޮޑު ތަރުހީބެއް އޮވެއެވެ. އިންޑިއާގެ ފިލްމު ޑައިރެކްޓަރު އާރްތީ ބަގްޅީގެ ފިލްމު "އަބީރު ގުލާލް" ރިލީޒްކުރުމަށް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.