ޝަލަބީގެ ފޭސްބުކް އެކައުންޓު ވެރިފައިވެއްޖެ

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ފޭސްބުކް އެކައުންޓު ވެރިފައި ވެއްޖެއެެވެ.

"ސަން"އާ ވާހަކަ ދައްކަމުން ޝަލަބީ ބުނީ އޭނާގެ ފޭސްބުކް އެކައުންޓު ވެރިފައިވީ މިއަދު ކަމަށެވެ.

މީގެ ކުރިން ޝަލަބީގެ އޮފިޝަލް އެކައުންޓު ވަނީ ހެކް ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އޭނާ ވަނީ އައު އެކައުންޓެއް ހަދައިފައެވެ.

ޝަލަބީ ބުނީ ފޭސްބުކް އެކައުންޓު ވެރިފައި ކުރީ އޭނާގެ ފޭކު އެކައުންޓުތަކުން ބަޔަކު ނާޖާއިޒު ފައިދާ ނަގާތީ ކަމަށެވެ. އެގޮތުން އެކި ގޮތްގޮތަށް ފައިސާ ހޯދުމަށް ވެސް ޝަލަބީގެ ފޭކް އެކައުންޓުތައް ހަދައިގެން މަސައްކަތް ކޮށްފައިވެއެވެ.

" ފޭނުންނަށް ވެސް އެކައުންޓު ފެނުނީމަ އަޅުގަނޑުގެ އެކައުންޓުކަން ޔަގީން ކޮށްދިނުން ބޭނުމަކީ. ދެން ފޭކް އެކައުންޓުތަކުން ކުރާ ސްކޭމްތައް ހުއްޓުވުން މަގުސަދަކީ. " ޝަލަބީ ބުންޏެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޝަލަބީއަކީ އެ ފަހަރުގެ އައިޑަލްގެ ފަސްޓް ރަނަރަޕްއެވެ.

" ހެޔޮފާހަގަ ނުޖަހާ އެކައުންޓަކުން މިހާރު އެއްޗެއް ޕޯސްޓު ކުރިޔަސް އެނގޭނެތާ މިހާރު ބެލުންތެރިންނަށް އެއީ އަޅުގަނޑު ނޫންކަން" ޝަލަބީ ބުންޏެވެ.

ޝަލަބީގެ އާ ލަވައެއް އިއްޔެ ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައެވެ. އޭނާއާއި އަޝްފާގެ އަޑުން ކިޔައިފައިވާ "ޝިކާރަ" ލަވައަށް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.

comment ކޮމެންޓް