އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ފުލުހެއްް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ މިރޭ އޭނާ ހައްޔަރުކުރުމަށް ގޮވާލާ އެ ސިޓީގެ ގިނަ ބަޔަކު އިހުތިޖާޖުކުރުމާ ގުޅިގެންނެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ އެ ފުލުސް މީހާ މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ސިޓީ ހިތަދޫގައި ހިނގި ޖިންސީ ގޯނާގެ މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާކަމަށެވެ. އަދި މިނިސްޓްރީން މިހާރު އެ މައްސަލަ ބަލަމުން ގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވުމާއެކު އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުންނާއި އާމުންނާއި ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފައެވެ.
އެގޮތުން ބާރުގެ ބޭނުންކޮށް ފުލުހުންވަނީ އެ އިހުތިޖާޖު ރޫޅާ ވެސް ލާފައެވެ.
ނަމަވެސް މިކަމުގައި ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކުރުމާއެކު މިހާރު އިހުތިޖާޖު ހުއްޓާލައިފައިވާކަމަށް ޑެޕިއުޓީ މޭޔަރު ޝުއާއު ވިދާޅުވިއެވެ.