އަމީން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަނީ

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހައި ކޯޓުން ބާތިލްކުރި ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އަމީންގެ މައްސަލަ އިސްތިއުނާފްކުރަން ނިންމާފައިވަނީ އެ މައްސަލަ ހައި ކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީ ކަމަށެވެ.

އަމީންގެ އިސްތިއުނާފުގެ މައްސަލަ ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީއާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަޙުޤީޤު ކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ހައި ކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކެއް ޤާނުނުގައި ކަނޑައެޅުމުގެ މަޤްޞަދު ގެއްލިދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ހައި ކޯޓުން އެ ހުކުމްތައް ބާތިލްކޮށްފައިވަނީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައުވާނުކުރުމުގެ ސަބަބުންނެވެ.

އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

comment ކޮމެންޓް