ލީކުވި އޯޑިއޯތަކުގެ މިނިވަން ތަހުގީގެއް ހިންގައިދިނުމަށް ރައީސް ނަޝީދަށް ޕީޕީއެމްގެ ސިޓީއެއް

ސެޕްޓެމްބަރ 10، 2021: އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މާލޭގައި ބޭއްވި ހިންގާލުމުގެ ތެރެއިން، -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަނީ ލޯންޑަރިން މައްސަލައިގައި ހުކުމްކުރި ކުރިމިނަލް ކޯޓުގެ ގާޒީންގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން އެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެހެނިހެން ބައެއް އިދާރާތަކުގެ ވެރިންނަށް ޕީޕީއެމްއިން ސިޓީއެއް ފޮނުވައިފިއެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ޕީޕީއެމްއިން އެ ސިޓީ ފޮނުވައިފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ބާ ކައުންސިލާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށެވެ.

އިދާރާތަކަށް ފޮނުވި ބަޔާނުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އެ މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ހަރާމް ހުކުމެއް ކަމުގައި ކުރިން ވެސް ބުނަމުން އައި ވާހަކަތައް ޔަގީންވެފައިވާ ކަމަށް ބުނެފައެވެ.

އެފަދަ ސައްހަ ނޫން ހުކުމެއް ޔާމީންގެ މައްޗަށް ކޮށްފައިވާ އިރު އެކަމުގެ ސަބަބުން ރައީސް ޔާމީން އެތައް ހައްގަކުން މަހުރޫމްވެފައިވާ ކަން ވަނީ ސިޓީގައި ފާހަގަކޮށްފައެވެ.

"އެހެންކަމުން، ރައީސް އްބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ހަގީގަތް ހާމަކުރުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯ ތަކުގެ ފޮރެންސިކް ތަހުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަހުގީގެއް ހިންގަވާ ދެއްވާ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުން އެދެން،" ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޕީޕީއެމްއިން ވަނީ ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ އިސްތިއުނާފުގެ މައްސަލަ ނިމުމުގެ ކުރިން އޯޑިއޯ މައްސަލަ ނިންމައި ދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ޕީޕީއެމްއިން ވަނީ މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ސިޓީއެއް ފޮނުވާފައެވެ.

comment ކޮމެންޓް