ޕްރޮމޯޝަން ނުދޭތީ 500އާ ގާތްކުރާ އަދަދަކަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ސޮޔާއެކު ރައީސަށް ޕެޓިޝަނެއް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ކަންބޮޑުވުންތައް ހިމަނައި 491އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހަޅައިފައިވަނީ ފަންނީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމި ނިންމުމާ ގުޅިގެންނެވެ. މި ޕެޓިޝަނަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނަރުހުންނާއި ޑޮކްޓަރުންގެ ފަރާތުން ރައީސަށް ހުށަަހަޅާފައިވާ ޕެޓިޝަނެކެވެ.

މި ޕެޓިޝަން ތައްޔާރުކޮށް އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އައިޖީއެމްއެޗްގެ ޑޮކްޓަރު ޔޫސުފް ޝާން "ސަން"އަށް ވިދާޅުވީ މި ޕެޓިޝަނުގައި ގޮވާލައިފައި އޮންނާނީ ސިވިލް ސީއެސްސީގެ ނިންމުން ބަދަލުކޮށްދެއްވުމަށް އެދި ކަމަށެވެ.

އައިޖީއެމްއެޗްގެ ނަރުހުން -- ފޮޓޯ/ އައިޖީއެމްއެޗް

"މި ޕެޓިޝަނުގައި އޮންނާނީ މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާ ގުޅިގެން ވަޒީފާގެ ކުރިއެރުން އަލުން ދޭ ގޮތަށް ނިންމުން ބަދަލުކުރުނަށް އެދި. މިއީ ވަރަށް ގިނަ ކަންބޮޑުވުންތަކެއްް އެކުލެވޭ ކަމެއް،" ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވީ ސއްހީ ހިދުމަތްތެރިންނަކީ އެހެން ވަޒީފާތަކުގައި މީހުން އަދާކުރާ މިންވަރަށްވުރެ މާ ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރާ ބައެއްކަމަށެވެ. އެހެންނަމަވެސް އެފަދަ ކަންކަމަށް ބެލުމެއްނެތި މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަކީ އެތައް ބައެއްގެ ހިތްވަރު އެލިގެން ދިޔުމަށް މަގުފަހިވެގެން ދިޔަ ކަމެއްކަމަށެވެ.

"އެތައް ބައެއް ޑީމޯޓިވޭޓް ވެގެން ދިޔަ ކަމެއް މިއީ، އައިޖީއެމްއެޗަށް މީގެ އަސަރުކުރަނީ. އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް،" ޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝާން ވިދާޅުވީ މަގާމުގެ ކުރިއެރުން ލިބުނުކަމުގައި ވެސް މުސާރައަށް މާ ބޮޑު އަދަދެއް އިތުރުވެގެން ނުދާނެކަމަށެވެ. ނަމަވެސް އެއީ މައްސަލައެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެެވެ.

"ކުރިއެރުން ލިބެންޏާ އިތުރު ހިތްވަރަކަށް ވެގެންދޭ އެބަ. އެ ކުރިއެރުން ލިބޭ މީހުން ެެކުރާ މަސައްކަތުގެ އެޕްރިސިއޭޝަނަކަށް ވެގެންދޭ އެބަ. މި ވެސް ނެތީމަ ދެން ނޯންނާނެ މިފަދަ ކަމެއް،" ޝާން ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ މިފަދަ ނިންމުމެއް ނިންމުމާއެކު ސިއްހީ ދާއިރާގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދު މަދުވެގެން ދާނެކަމަށެވެ. އެއާއެކު މި ދާއިރާއަށް ނިކުންނަން ބޭނުންވާ ދިވެހިންގެ އަދަދު މަދުވެ، ޕަބްލިކް ސެކްޓާގައި ވަޒީފާ އަދާކުރަން ބޭނުން މީހުންގެ ނިސްބަތް ވެސް މަދުވެގެން ދާނެކަމަށެވެ.

ޝާން ވިދާޅުވީ މިހާރު މި ޕެޓިޝަން ހުށަހަޅާފައިވާކަމަށެވެ. އަދި މި ޕެޓިޝަނާއެކު ޑިމާންޑުކޮށްފައިވާ ކަންކަން ހައްލުވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

"އަޅުގަޑުމެން ވަރަށް ބޮޑަށް އުންމީދުކުރަން،" ޝާން ވިދާޅުވިއެވެ.

comment ކޮމެންޓް