މަސްތުވާތަކެތީގެ މައްސަލަތައް ހައްލުނުވަނީ ހައްލުކުރަން ނޫޅޭތީ: ހަސަންޓޭ

"ޗޭންޖް އެންޑީއޭ ޕެޓިޝަން" އާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފައި-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުނުވަނީ، އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ނުކުރާތީ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅިފައިވާ "ޗޭންޖް އެންޑީއޭ" ޕެޓިޝަނަށް ވާހަކަދައްކަވަމުން ހަސަންޓޭ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ 1974 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށެވެ.

މިއަދާ ހަމައަށް އައިރު ވެސް މިކަން އެއްވެސް މިންވަރަކަށް ހައްލުނުވެ، މައްސަލަ ބޮއްސުން ލައިގެން ދިއުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ހަސަންޓޭ ވަނީ ސުވާލުކުރައްވާފައެވެ.

"ބަޖެޓު އެބަދޭ، މުވައްޒަފުން އެބަދޭ. ތަންތަން އެބަ އުފައްދާ. ގާނޫނު އެބަހުރި. ދެން އަޅުގަނޑަކަށް ނޭނގެ މިތާ އިނދެ ފިކުރުކޮށްކޮށް، މިގައުމާ ދޭތެރޭ ވިސްނާނެ ހަމަ އެއްވެސް ގޮތެއް ހަގީގަތުގަ." ހަސަންޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރުމާއެކު އެކަމަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނުތަކެއް ގަތުމަށް އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ހޭދަކޮށްފައިވާ ކަމަށާއި އެންމެން ގުޅިގެން ބަލި ކޮންޓްރޯލް ކޮށްފައިވާވެސް ވާ ކަމަށެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

އެކަން ފާހަގަކޮށް ހަސަންޓޭ ވިދާޅުވީ ހުރިހާ އިދާރާތަކުން ވެސް މަސްތުވާތަކެއްޗަކީ ކޮވިޑަށްވުރެ، ނުރައްކާތެރި ބަލިމަޑުކަމެއްގެ ގޮތުގައި ބުނަމުން އަންނައިރު، ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރި ގޮތަށް މިކަމަށް މަސައްކަތް ނުކުރާ ކަމަށެވެ.

"އެކަމު މިއަށް ހައްލެއް ގެންނަން މިއަދާ ހަމައަށް ކަމެއް ނުކުރެވި ގައުމު ފަސާދަ ނުކުރެވި ދާއިރު ކޮންބައެއްގެ ޒިންމާއެއްތޯ؟ ތި ވިދާޅުވަނީ މި ރާއްޖޭގަ އޮތް އިންޓަނޭޝަނަލް އެއާޕޯޓުގަ ނެތޭ މިކަން ބެލޭނެ މެޝިނުގަނޑެއް. އެކަމަކު ކޮވިޑުގަ 15 މިލިއަން، 20 މިލިއަން، 25 މިލިއަން ދީގެން މެޝިނަރީސް ގެނެއްސި. މިއަކަށް މެޝިނެއް ވެސް ނުލިބެ." ހަސަންޓޭ ވިދާޅުވިއެވެ.

ހަސަންޓޭ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ނުދެވި ޖަލުތައް ފުރެމުން އަންނައިރު، އެއީ ވެސް ދައުލަތަށް އުފުލަން ޖެހޭ ބޮޑު ބުރައެއް ކަމަށެވެ.

މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ހަސަންޓެ ވިދާޅުވީ ރިޕޯޓުތައް ވާހަކަދައްކާ ހެދިނަމަވެސް މިކަން ހައްލުނުކުރެވޭނެ ކަމަށެވެ. އަދި މިއީ ކޮން ބަޔަކު ޒިންމާ ނަގަން ޖެހޭކަމެއްތޯ ތަކުރާތުކޮށް ސުވާލުކުރެއްވިއެވެ.

" ހައްލެއް ވެސް ނުވާނެ. ނުވެސް ކުރެވޭނެ. އެއީ ކުރަން ނޫޅޭތީ. ވަރަށް ސާފުކޮށް މި ދަންނަވަނީ. ހައްލުކުރަން އުޅޭނަމަ މިކަން މިހާރު އޮންނާނީ ހައްލުވެފަ." ހަސަންޓޭ ވިދާޅުވިއެވެ.

ހަސަންޓޭ ވިދާޅުވީ މިކަމުގައި ވެސް ގިނަ ބައެއްގެ ޒިންމާ އޮތް ކަމަށެވެ.

comment ކޮމެންޓް