މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަކި މީހެއްގެ މޫނަކަށް ނުވަތަ ގުރޫޕަކަށް ނުބަލާނަން: ސީޕީ

ސީޕީ ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ޒިންމާ އަދާކުރުމުގައި ވަކި މީހެއްގެ މޫނަކަށް ނުވަތަ ވަކި ގުރޫޕަކަށް ނުބާލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން "ޗޭންޖް އެންޑީއޭ ޕެޓިޝަން" ދިރާސާކުރަމުން ދާ އިރު އެ ކޮމިޓީއަށް ހާޒިރު ކުރުމުންނެވެ.

ކޮމިޓީ ބައްދަލުވުމުގައި މެންބަރަކު ޑްރަގް ޓްރެފިކިން ހުއްޓުވުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސީޕީ ވިދާޅުވީ ކޯޓު މަރުހަލާގައި ވެސް މިފަދަ 20 މައްސަލައެއްގައި 89 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

"މި 20 މައްސަލައަަށް ބަލާއިރު ވެސް 413 ކިލޯގެ މަސްތުވާތަކެތި، މި މައްސަލަތަކުގެ ތެރޭގަ ޓްރެފިކް ކުރެވިފަހުރިކަން ފާހަގަކޮށްލެވޭ. ދެން މި މައްސަލަތަކުގަ ޝަރީއަތް ކުރެވި މި ފަރާތްތަކަށް ގާނޫނުން ކަނޑައަޅައިފައިވާ އަދަބުތައް ލިބި، މި އަދަބުތައް ތަންފީޒުކުރެވިގެން ކޮންމެވެސް ވަރަކަށް މިއަށް ހުއްޓުމެއް ގެނެވޭނީ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ރާއްޖޭގައި ކޯޓުން ހުކުމް ކުރި ނަމަވެސް އަދަބު ތަންފީޒު ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވާތީ މެންބަރުން ކަންބޮވުން ފާޅުކުރުމާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ މައްސަލަތައް ހައްލުވެފައި ހުރި ނަމަވެސް މުއައްސަސާތަކުގެ ބޭނުން ނެތް ކަމަށެވެ. އަދި ހުރިހާ އިދާރާއަކީ ވެސް މައްސަލަ ހައްލުކުރަން ތިބޭ ބައެއް ކަމަށާއި އެއްވެސް މައްސަލައެއް މުޅިން ހައްލުނުވާނެ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް ކުރެވެން ހުރިކަންކަން ކޮށް، ފުލުހުންގެ ޒިންމާ އަދާކުރަމުން އަންނަކަން ސީޕީ ފާހަގަކުރެއްވިއެވެ.

"ތަންފީޒުކުރާ އިދާރާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރަމުން. އަޅުގަނޑު ކުރިން ވެސް ފާހަގަކުރި ފަދައިން އަޅުގަނޑު ނުބަލާނަން ވަކި މީހެއްގެ މޫނަކަށް، ވަކި ނެޓްވޯކަކަށް، ވަކި ގުރޫޕަކަށް، ވަކި އިންތިހާބީ ދާއިރާއަކަށް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން މައްސަލަތައް ހައްލުކުރުމުގައި ޓްރެފިކް ކުރާ މީހުންނާއި މަސްތުވާތަކެތި ވިޔަފާރިކޮށް، ޑިސްޓްރިބިއުޓް ކުރާ މީހުންގެ ދިފާއުގައި ނިކުމެގެން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

comment ކޮމެންޓް