ހިރިލަންދޫ ބެލެނިވެރިން ނުކުމެ ސްކޫލް ތަޅުއަޅުވައިފި

ތ. ހިރިލަންދޫ ބެލެނިވެރިން ސްކޫލްގައި ތަޅު އަޅުވަނީ -- ފޮތޯ/ މުހައްމަދު ތަސްލީމް

ތ. ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން މިއަދު ނުކުމެ ސްކޫލް ތަޅު އަޅުވައިފިއެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް "ސަން" އަށް ވިދާޅުވީ އެ ރަށު ސްކޫލްގެ ގޭޓް ބަންދުކޮށް އެތަނުގައި ބެލެނިވެރިން އިހުތިޖާޖު ކުރަމުން ދަނީ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި، ވިއްސާރައިގެ ސަބަބުން ކިޔެވުމަށް ބުރޫއަރާތީ ކަމަށެވެ.

ޖަލާލް ވިދާޅުވީ މިއަދު ހެނދުނު އިންޓަވަލް ގަޑީގެ ކުރިން ކުދިން ސްކޫލަށް ގެންދިޔަ ކަމަށާއި، ނަމަވެސް އިންޓަވަލް ފަހުން ކުދިން ސްކޫލަށް ނުފޮނުވާ، ބެލެނިވެރިން އިހުތިޖާޖު ކުރީ ކަމަށެވެ. އަދި ކުދިން ސްކޫލަށް ނުގެންދާ ކަމަށް މައުލޫމާތު ލިބުނީ 9:30 ހާ އިރު ކަމަށާއި، އޭގެ ފަހުން ސްކޫލް ގޭޓް ތަޅު އަޅުވައި ބަންދު ކުރިކަމަށް ޖަލާލް ވިދާޅުވިއެވެ.

އެ އިހުތިޖާޖުގައި ބެލެނިވެރިން ބޮޑަށް ފާހަގަ ކުރަނީ ސްކޫލްގެ އިމާރާތުގެ މައްސަލަ ކަމަށާއި އަތޮޅުގެ ނިސްބަތުން ކުދިން ގިނަ ސްކޫލަކަށް ވީ ނަމަވެސް، ސްކޫލްގެ ހާލަތަށް އަޅާ ނުލުމުގެ ސަބަބުން ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާތީ ބެލެނިވެރިން ފާޅުކުރީ އެކަމުގެ ހިތްހަމަ ނުޖެހުން ކަަމަށް ޖަލާލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިއަދު ކުރަމުންދާ ވިއްސާރައިގައި ކުދިންނަށް ކިޔަވަން ދަތިވާ މިންވަރަށް ކްލާސްތަކަށް ވާރޭ ވެހި، ޑެސްކުތައް އެއްކޮށް ތެމުނުކަން ޖަލާލް ފާހަގަ ކުރެއްވިއެވެ.

"ފާހަގަ ކުރަނީ ސްކޫލް އިމާރާތުގެ ކަންތައްތަކުގެ މައްސަލަ އަސްލު، މިހާރު ވިއްސާރަ ވެއްޖެ ނަމަ ކުދިންނަށް ކިޔަވައިދޭން ވަރަށް ބޮޑަށް އުނދަގޫވެގެން އެބަދޭ. ބާ އިމާރާތުގައި ވަރަށް ގިނަ ކްލާސްތަކެއް ނަގަމުން ދާއިރު، ވިއްސާރަ ވެއްޖެ ނަމަ ވާރޭ ވެސް ވެހޭ. ވައި ގަދަ ވެއްޖެ ނަމަ ޕޭޕަރުތައް ވަޔާއެކު ދާ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކުރީގެ އިމާރާތް މި ހުންނަނީ،" ޖަލާލް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް ހިރިލަންދޫ ސްކޫލްގެ އިމާރާތުގެ ކަންތައްތައް ދައުލަތުގެ ބަޖެޓުގައި ހިމަނާ ނަމަވެސް ސްކޫލްގެ މަސައްކަތް ނުފެށޭ ކަމަށް ޖަލާލް ވިދާޅުވިއެވެ. އަދި އެއްވެސް ސަރުކާރަކުން މިކަމަށް ހައްލެއް ގެނެސްދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 240 ކުދިން ހިރިލަންދޫ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުން ދާ ކަމަށް ފާހަގަކޮށް ޖަލާލް ވިދާޅުވީ، ސްކޫލް ފާހާނާގެ ދަތިކަން ވެސް ކުރިމަތިވާ ކަމަށެވެ.

އެގޮތުން ހުރިހާ ބޭނުމެއް ކުރަން ހުންނަނީ ހަތަރު ފާހާނަ ކަމަށާއި އެކަމުގެ ދަތިކަން ވެސް ބެލެނިވެރިން ވަަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށް ޖަލާލް ވިދާޅުވިއެވެ.

ޖަލާލް ވިދާޅުވީ ހިރިލަންދޫ ސްކޫލަށް ވުރެ ހާލަތު ރަނގަޅު ސްކޫލްތަކުގައި ކަންކަމަށް ބަޖެޓް ކުރެވި، މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އެ ސްކޫލްގެ ހާލަތަށް ހައްލެއް ހޯދައި ނުދޭ ކަމަށެވެ.

މީގެ އިތުރުން ހިރިލަންދޫ ސްކޫލާ ބެހޭ މައްސަލަތައް އެކި ގޮތްގޮތަށް ކަމާ ބެހޭ އިދާރާތަކާ ހިއްސާ ކޮށްފައި ވާނެ ކަމަށްވެސް ޖަލާލް ވިދާޅުވިއެވެ.

އެ އިހުތިޖާޖާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިިނިސްޓްރީއަށް ލިބިފައި ވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފޮނުވުމަށް ސްކޫލްގައި އެދިފައިވާ ކަމަށެވެ.

comment ކޮމެންޓް