އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާން ނިންމި ނިންމުމަކީ މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުން: ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ/ އދ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ނިންމި ނިންމުމަކީ މިހާތަނަށް ނިންމެވުނު އެންމެ ރަނގަޅު ނިންމެވުންކަމަށް އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްްޖެއެވެ.

އދ. އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އެ ޖަމިއްޔާގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހަވާލުވެވަޑައިގަންނަވަނީ އެ މަސައްކަތުގައި ކުރިމަތިވާނެ އެންމެހާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނަވާކަމަށެވެ.

"މި އޮފީހުގެ މަސްއޫލިއްޔަތުތަކާ އަޅުގަނޑު މި ހަވާލުވަނީ ކުރިމަތިވެދާނެ އެންމެހާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގިހުރެ. އަޅުގަނޑު ގާތު އެތައް ފަހަރަކު އެބަހުރި ސުވާލުކޮށްފައި، މިފަދަ ހާލަތެއްގައި ކީއްވެގެންހޭ އެތަނަށް [އދ.ގެ އާންމު މަޖިލީހަށް] ކުރިމަތިލާން ތިޔަ އުޅެނީ،" ޝާހިދު ވިދާޅުވިއެވެ.

އެއާއެކު ޝާހިދު ވިދާޅުވީ އެއީ އޭނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމެވުންކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން މިއަދު އޭނާއަށް ރަނގަޅު ހިދުމަތެއް ކޮށްދިނުމުގެ ފުރުސަތު ލިބިގެން ގޮސްފިކަމަށެވެ. ހަމައެއާއެކު ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ވެސް ތަފާތު ދެއްކުމަށް ބޮޑު ފުރުސަތެއް ލިބިގެން ގޮސްފިކަމަށެވެ.

"މިއީ ދިވެހީންނަށް ލިބުނު ބޮޑު ޝަރަފެއް. އަދި ދިވެއްސަކަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ލިބިގެން ދިއުމަކީ ބޮޑު ފަހުރެއް،" ޝާހިދު ވިދާޅުވިއެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މިރެއެވެ.

މިހާރު ކުރިއަށްދާ އދ.ގެ 75 ވަނަ އާންމު މަޖިލީހުގެ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށް ދާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.

އޭގެ ފަހުން އާއްމު މަޖިލީހުގެ 76 ވަނަ އާންމު މަޖިލީހުގެ ސެޝަން ފަށައި، ރިޔާސަތާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނެއެވެ. އަދި ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ތަގްރީރު ކުރައްވާނެއެވެ.

ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާ ކުރިމަތިލެއްވީ މައިގަނޑު ފަސް ކަމެއް ހިމެނޭ އެޖެންޑާއަކާއެކުގައެވެ.

comment ކޮމެންޓް