ޓްރެއިނިންގް ކޭމްޕަށް ފުރަން އެއް ދުވަހަށް ވެފައި ވަނިކޮށް ގައުމީ ކޯޗު އަލީ ސުޒޭން ކޮވިޑްއަށް ޕޮޒިޓިވްވެ އެކަހެރިވާން ޖެހުނެއް ކަމަކު ޓީމުގެ ފަރިތަކަރުންތައް ކުރިއަށް ގެންގޮސް ޓީމުގެ ކަންކަން ފުރިހަމައަށް ބަލަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ސްކޮޑަކާ އެކު މާލޭގައި މިދިޔަ މަހުން ފެށިގެން ފަރިތަކުރުންތައް ފުރަހަމަ ކުރަމުން އައި ޓީމުގެ ކޯޗަކީ ސުޒޭންއެވެ. ކުރިން އެ މަގާމުގައި ހުރި ނެދަލޭންޑްސްގެ މާޓިން ކޫޕްމަން މަގާމުން ވަކިކުރުމާ އެކު އެ ޒިންމާ ސުޒޭންއަށް ހަވާލު ކުރި އިރު އޭނާ އައީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ވެސް ކުރަމުންނެވެ.
އެކަމަކު ޓީމާ އެކު ގަތަރުގައި ކުރިއަށް ގެންދާ ކޭމްޕަށް ދިއުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓް ޕޮޒިޓިވްވުމާ އެކު ސުޒޭން މިވަގުތު ހުރީ އެކަހެރިވެގެންނެވެ. އެހެން ކަމުން މުބާރާތުގެ ކުރިން ދެން ޓީމާ އެކު ސުޒޭންއަށް ރަސްމީކޮށް ބައިވެރިވާން ލިބޭނީ މަދު ދުވަސްކޮޅެކެވެ.
އެސިސްޓެންޓް ކޯޗިންގް ޓީމާ އެކު ގަތަރުގައި ޓީމުން ތަމްރީން ހަދަމުން އަންނަ އިރު އޭނާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް ސުޒޭން ވަނީ ކުރިން ބުނެފައެވެ. އެއާއެކު އެކޮޅުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ގޮތާއި، ޓީމުގެ އެހެނިހެން ކަންކަމުގައި ވެސް ސުޒޭން އަންނަނީ މިވަގުތުވެސް ހަރަކާތްތެރިވަމުން ކަމަށް "ސަން" އަށް ދިން އެކްސްކުލޫސިވް އިންޓަވިއުގައި ބައްސާމް ވިދާޅުވިއެވެ.
"އަލީ ސުޒޭން މިވަގުތު މާލޭގައި ހުންނެވިއެއް ކަމަކު ހަމަ ބަރާބަރަށް އިންމައާ އެކު މަޝްވަރާ ކުރުމަށްފަހު އަލީ ސުޒޭންގެ ޕްލޭނާ އެއްގޮތަށް ހުރިހާ ޓްރެއިނިންގްއެއް ވެސް ކުރިއަށް ދަނީ،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ މިފަހަރު މިއޮތް ދިވެހި މެނޭޖްމެންޓް ޓީމަކީ އެއް ޓީމެއް ކަމަށާއި، ސުޒޭންގެ ދަށުން ދެން މަސައްކަތް ކުރާ އެސިސްޓެންޓުންނަކީ ވެސް އެކަމަށް ނުހަނު ގާބިލް ޓީިމެއް ކަމަށެވެ.
"ޓީމު ފުރުމުގެ ކުރިން އަޅުގަނޑު ހަމަ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒްއާ އެކު ވަރަށް ދިގުކޮށް މަޝްވަރާތައް ކުރެވުނު. އިންމަ ވިދާޅުވީ ވަރަށް ބަރާބަރަށް ހަމަ ތިމަންނައާ ހަމައަށް އަލީ ސުޒޭން ގުޅުއްވާ، އެކި ކަންކަމާ ޑިސްކަސް ކުރައްވާ ހަމަ އެ ޕްލޭނާ އެއްގޮތަށޭ ކުރިއަށް މިދަނީ."
ގައުމީ ޓީމު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ ކުރިން ސުޒޭން ޓީމާއި ގުޅި ފުލް ޓީމުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.