ޓީއުނީޝީއާގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސްގެ ޔޫތު ރޭންކިން މުބާރާތުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޓިއުނީޝިއާ ކުޅުންތެރިއެއްގެ އަތުން މޮޅެއް ހޯދައިފިއެވެ.
މި މުބާރާތުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައެވެ. އެ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި އިއްޔެ ދީމާ ކުޅެފައިވާ އިރު، މުބާރާތް ހޯސްޓް ކުރާ ޓިއުނީޝިއާގެ ކުޅުންތެރިޔާ އަތުން އޭނާ ވަނީ ކުރި ހޯދައިފައެވެ. އެހެން ނަމަވެސް އިއްޔެ ކުޅުނު މެޗުގައި އަވަށްޓެރި އިންޑިއާގެ ކުޅުންތެރިޔާ އަތުން ދީމާ ވަނީ ބަލިވެފައެވެ.
އެ މުބާރާތުގައި މިއަދުވެސް މެޗުތަކެއް 14 އަހަރުގެ ދީމާ ކުޅޭނެއެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ މިސްރުގެ އިތުރުން ޓިއުނީޝިއާގެ ކުޅުންތެރިންނާ ދެކޮޅަށެވެ.
އައިޓީޓީއެފްގެ ރޭންކިން މަރުހަލާއެއްގެ އެންމެ މަތީ ލެވަލްގައި ހިމެނޭ ދިވެހި ހަމައެކަނި ކުޅުންތެރިއަކީ ދީމާ އެވެ. މި ވަގުތު ދީމާ ހިމެނެނީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގެ ދުނިޔޭގެ 13 ވަނަ މަގާމުގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ އަށް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓެގަރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ދީމާ ހިމެނުނެވެ.
ދީމާ އިންޓަނޭޝަލަން މުބާރާތްތަކުގައި ބައިވެރި ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދީމާގެ ވޯލްޑް ރޭންކިން ހިފެހެއްޓުމަށް ކަމުގައި ޓީޓީއެމްގެ ރައިސް އަލީ ރަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އޭޝިއާގައި ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ މުބާރާތްތަކެއް ކޮވިޑް-19 އާއި ގުޅިގެން ކެންސަލްކުރުމާއި ގުޅިގެން ވާދަވެރި މެޗުތައް ކުޅެ ދުނިޔޭގެ ރޭންކް ހިފެހެއްޓުމުގެ ގޮތުން ދީމާ މިމުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައިވާކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.
އޮމާންގައި އޮކްޓޫބަރު މަހު ބާއްވާ މުބާރާތެއްގައި ދީމާ ބައިވެރިކުރުމަށްވެސް ޓީޓީއެމްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.