އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ މިރޭ ޝާހިދު ހަވާލުވެވަޑައިގަންނަވަނީ

އދގެ އާންމު މަޖިލީހުގެ 76ވަނަ މަޖިލީހުގެ ރައީސްކަމުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ޝާހިދު އދގައި ތަގުރީރުކުރައްވަނީ -- ފޮޓޯ: އދ

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ މިރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާނެއެވެ.

މިހާރު ކުރިއަށްދާ އދ.ގެ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށް ދާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.

އޭގެ ފަހުން އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށައި، ރިޔާސަތާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނެއެވެ. އަދި ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ތަގްރީރު ކުރައްވާނެއެވެ.

ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާ ކުރިމަތިލެއްވީ މައިގަނޑު ފަސް ކަމެއް ހިމެނޭ އެޖެންޑާއަކާއެކުގައެވެ. އެ ފަސް ކަމަކީ:

  • ކޮވިޑް19 އިން އަރައިގަތުން
  • ކޮވިޑަށް ފަހު ދެމެެހެއްޓެނިވި ގޮތުގައި ދުނިޔެ ބިނާކުރުން
  • ދުނިޔޭގެ ގުދުރަތީ މާހައުލުތަކަށް އިޖާބަ ދިނުން
  • އެންމެންގެ ހައްގުތަކަށް ކަމޭހިތުން
  • އދ.ގެ ހިންގުން ވަރުގަދަކުރުން

މިއީ ރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން އަދާކުރާ ސާކްގެ ހަވަނަ ގައުމެވެ.

ސާކްގެ ގައުމުތަކުގެ ތެރެއިން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން މިހާރު އަދާނުކޮށް އޮތީ ރާއްޖޭގެ އިތުރުން ނޭޕާލް އަދި ބޫޓާނެވެ.

comment ކޮމެންޓް