ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން ބަލިތަކުން ރާއްކާތެރި، ރީތި ހަށިގަނޑެއްގެ ވެރިއަކަށްވުމަކީ ކޮންމެ މީހަކު ވެސް ދެކޭނެ ހުވަފެނެކެވެ.
ދިވެހިންގެ ދިރިއުޅުމުގެ އާދަތައް ވެސް މިއަދު މިސްރާބު ޖަހާފައިވަނީ އެ ފަދަ ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ހޯދުމާ ދިމާއަށެވެ. އިރު އަރައިގެން އަންނަ ވަގުތު މާލެ ތެރެއިން ފެންނަ މަންޒަރުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.
ހެނދުނު މަގުތަކަށް ނިކުމެ ބަލައިލާއިރު ފެނިގެންދަނީ އެކި އުމުރުފުރައިގެ މީހުން ކަސްރަތަށް ނިކުމެ އުޅޭ މަންޒަރެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުން ވެސް ކަސްރަތަށް ނިކުމެ އުޅޭ މަންޒަރެވެ.
އުސްފަސްގަނޑުގައި ޔޯގާ ކްލާސްތައް ކުރިއަށް ދާއިރު ފަތާ ޓްރެކްގައި ކުޑަކުދިންނަށް ހާއްސަކޮށް ފެތުމުގެ ކުލާސްތަކާއި އެކި އުމުރުގެ މީހުންނަށް ހާއްސަ މޫދު ކަސްރަތު ކުލާސްތައް ކުރިއަށް ގެންދެއެވެ.
"ދައްތަ ހަމަ ކޮންމެ ދުވަހަކު ވެސް ނިކުންނަ ގަޑި މިއީ، އަސްލު މިގޮތަށް ކަސްރަތުގެ ތެރެއިން ދުވަސް ފެށިގެން ދިޔައީމަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ. ހަށިގަނޑަށް ދުޅަހެޔޮކަމުގެ އިހްސާސްކުރެވޭ، ވަަރަށް އުފާވޭ. ދެން އެކުވެރިންނާ ވެސް މިހެން އުޅޭ އިރު ބައްދަލުވޭ،" ކަސްރަތަށް ނިކުމެ އުޅުނު ދޮށީ އުމުރުގެ މީހަކު ބުންޏެވެ.
ކޮވިޑް-19 އާއެކު އެންމެ ގިނަ ބަޔަކަށް ކުރިމަތިވި ގޮންޖެހުމަކީ ލޮކްޑައުނެއްގެ ތެރޭގައި ގޭގެ ހަތަރު ފާރުގެ ތެރޭ މުޅި ދުވަސް ގުނަން ޖެހުމެވެ. އެއާއެކު އެތައް ބަޔަަަކަށް ސިއްހީ ގޮތުން އެތައް ގެއްލުމެއް ކުރިމަތިވުމަށް މަގުފަހިވެގެން ދިޔައެވެ.
ހުންނަންވާ މިންވަރަށްވުރެ ބަރުދަން އިތުރުވެ އެތައް ބަޔަކު އެކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ދިޔައީ ހިއްސާކުރަމުންނެވެ.
އެއާއެކު ލޮކްޑައުނާއި ކާފިއުއަށް ދިން ލުއިތަކާއެކު ކަސްރަތަށް ގިނަ ބަޔަކު ނިކުންނަން ފެށިއެވެ. ހެނދުނު ކަސްރަތު ކުރާ މީހުންނާއި ރޭގަނޑު ކަސްރަތަށް ނިކުންނަ މީހުންގެ އަަދަދުތައް ވެސް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދިޔަކަން ފެންނަ މަންޒަރުތަކުން ސާފުވެގެން ދެއެވެ.
އެހެންކަމުން މިއީ ދިވެހިންގެ ދިރިއުޅުމުގެ އާދަތަކަށް އައި ހެޔޮ ބަދަލެކެވެ. އިތުރަށް ހޭލުންތެރިވެ ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާކަން ހާމަވާ ކަމެކެވެ. ކަސްރަތާއެކު އަރާ އިރުން ދުޅަހެޔޮކަމަށް މިސްރާބު ޖަހާފައިވާކަން ދޭހަކޮށްދޭ ކަމެކެވެ.