އާންމު ދަތުރުފަތުރަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމުކުރަނީ

އެމްޓީސީސީއާއި ބީއެމްއެލާއި ދެމެދު އެމްއޯޔޫގައި ސޮއިކުރުން -- ފޮޓޯ/ އެމްޓީސީސީ

އާންމު ދަތުރުފަތުރަށް ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރުން މާސްޓާކާޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ޓަކައި ބޭއްވި ހާއްސަަ ހަފްލާއެއްގައެވެ.

މި ޕްރޮޖެކްޓަކީ މާސްޓާކާޑުގެ "ސްމާޓް ސިޓީ" މަޝްރޫގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ އަތުން އަތަށް ފައިސާ ދެއްކުން ނިމުމަކަށް ގެނެސް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އާންމު ދަތުރުފަތުރުގެ ހިދުމަތަށް ފައިސާ ދެއްކޭނެ ގޮތެއް ތައާރަފްކުރުމެވެ.

އެގޮތުން ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތަށް ފައިސާ ދެއްކުމުގައި ވެސް ޑިޖިޓަލްކޮށް އެކަން ކުރުން ތައާރަފްކުރުން ހިމެނެއެވެ.

މިއަދު ސޮއިކުރި އެމްއޯޔޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނީގެ ހިދުމަތް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދޭނެ ގޮތަކަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކުރުމަށްކަމަށެވެ. އަދި ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމަށްކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފާވެއްޖެ މާސްޓާކާޑާއި އެމްޓީސީސީއާ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރެވުމުން. މި މަޝްރޫއާއެކު އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ތެރެއަށް މޯބައިލް ޕޭމަންޓް ސިސްޓަމާއި އަޅުގަނޑުމެންގެ ޑިޖިޓަލް ކާޑުގެ ހިދުމަތް ލިބިގެންދާނެ،" އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް