ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވުމަށް ފަށާފައިވާ ޗެލެންޖުން ކެޔޮދޫ ސްކޫލް ކުރި ހޯދައިފި

ޕާލޭ އެއާ ޗެލެންޖްގެ ފުރަތަމަ މަރުހަލާ ފުރިހަމަ ކުރުމުން ކެޔޮދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ކެޔޮދޫ ސްކޫލް

ޕްލާސްޓިކު ބޭނުންކުރުން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޕާލޭ އޮފް ދަ އޯޝަން ޖަމިއްޔާއިން ފަށާފައިވާ "އެއާ ޗެލެންޖު"ގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކުރި ފުރަތަމަ ސްކޫލަކަށް ކެޔޮދޫ ސްކޫލް ވެއްޖެއެވެ.

އެއާ ޗެލެންޖް ހަރަކާތުގައި ސްކޫލްތަކުން ކުރިން އުކާލާފައިވާ ޕްލާސްޓިކް އެއްކޮށް، އެއް ފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކްގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށް އަދި ތިމާވެއްޓާ ރައްޓެހި މުޖުތަމައެއް ގާއިމު ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާނެއެވެ. އަދި އެ ހަރަކާތްތައް ހިންގުމުން ޕާލޭއިން ޕޮއިންޓުތައް ދޭނެއެވެ.

އެގޮތުން އެ ޗެލެންޖުން ޕޮއިންޓު ދޭ ހަރަކާތްތަކުގެ ތެރޭގައި އުކާލާފައިވާ ފްލާސްޓިކް އެއްކުރުމާއި ސްކޫލްގައި ސެލޯފިން ބޭނުން ކުރުން މަނާ ކުރުމާއި މީހުން އެއްވެ އުޅޭ ތަންތަން ސާފު ކުރުމާއި ގަސް އިންދުމާއި ކަނޑާ ބެހޭ ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

އެހެންކަމުން ކޮންމެ ސްކޫލަކުންވެސް އެ ޗެލެންޖުގައި ބައިވެރިވެ، އެފަދަ ހަރަކާތްތައް ހިންގަމުންދާ މިންވަރަކުން ޕޮއިންޓުތައް ލިބެމުންދާނެއެވެ. އެގޮތުން ފުރަތަމަ މަރުހަލާ ކާމިޔާބު ކުރަން 1025 ޕޮއިންޓް ބޭނުންވާ އިރު ދެވަނަ މަރުހަލާ ކާމިޔާބު ކުރުމަށް 2550 ޕޮއިންޓު ބޭނުންވެއެވެ. އަދި ތިން ވަނަ މަރުހަލާ ނިމޭނީ 5075 ޕޮއިންޓު ލިބުމުންނެވެ.

އޭގެ ތެރެއިން ކޮންމެ މަރުހަލާއެއް ނިންމުމުންވެސް ޕާލޭ މޯލްޑިވްސްގެ ފަރާތުން އިނާމެއް ދޭނެއެވެ.

އެ ޗެލެންޖުގައި ބައިވެރިވި ސްކޫލްތަކުގެ ތެރެއިން މިހާތަނަށް ފުރަތަމަ މަރުހަލާއަށް ބޭނުންވާ ޕޮއިންޓުތައް ހޯދާފައި ވަނީ ވ. ކެޔޮދޫ ސްކޫލުންނެވެ.

އެ ކާމިޔާބީ ފާހަގަ ކުރުމަށް އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ސްކޫލަށް ޕާލޭގެ ފަރާތުން ހަދިޔާ ކުރި އައުޓްޑޯ ސައުންޑް ސިސްޓަމް، މިނިސްޓަރު ހަވާލުކޮށްދެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ ޗެލެންޖުގެ ތެރެއިން ކެޔޮދޫ ސްކޫލުން ވަނީ 1000 ކިލޯގެ ޕްލާސްޓިކް އެއްކޮށްފައިއެވެ.

މީގެ އިތުރުންވެސް އެ ސްކޫލަކީ ޕްލާސްޓިކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ސްކޫލެއް ކަމަށާއި 2018 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ވަނީ 12،795 ކިލޯގެ ޕްލާސްޓިކް ކިރާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަ ކުރިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕާލޭ އެއާ ޗެލެންޖް ޕްރޮގްރާމުގެ މަގުސަދަކީ ތިމާވެއްޓާ މެދު، ހާއްސަކޮށް ކަނޑުފަޅުތަކާ މެދު ދަރިވަރުން އަހުލުވެރިކުރުވައި، ތިމާވެށި އަދި ކަނޑުތައް ރައްކާތެރިކުރާނޭ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދީ އެ ތަންތަނާ މެދު ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުން ކަމަށެވެ.

comment ކޮމެންޓް