އެޗްޑީއެފްސީއިން ސުކޫކު ގަތުމުގެ ފުރުސަތު، އަގަކީ 1،000ރ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ހަތަރުވަނަ ފަހަރަށް ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސުކޫކަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ވިއްކާ ބޮންޑެވެ. އެޗްޑީއެފްސީއިން އިއްޔެ ހުޅުވާލި މި ފުރުސަތުގައި ސަބްސްކްރިޕްޝަންގެ މުއްދަތު ހަމަވާނީ މި މަހު 30ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ.

އެ ތާރީހުގެ ފަހުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެލޮޓްމަންޓް ނިންމާލެވޭނެ ކަމަށް އެޗްޑީއެފްސީއިން ބުނެއެވެ.

މިފަހަރު އެޗްޑީއެފްސީއިން ސުކޫކު ވިއްކަނީ އެޗްޑީއެފްސީ އަމްނާގެ ޝަރީއާ ހުއްދަކުރާ މޯގޭޖް ހައުސިން ފައިނޭންސް އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.

އެޗްޑީއެފްސީއިން މިފަހަރު ވިއްކަން ނިންމާފައިވަނީ ޖުމުލަ 200 މިލިއަން ރުފިޔާގެ ސުކޫކެވެ. އެއީ މޫނުމަތީ އަގު 1،000 ރުފިޔާގެ ދެލައްކަ ސުކޫކެވެ.

ސުކޫކުގެ މުއްދަތަކީ 10 އަހަރެވެ. އަދި ސުކޫކުގެ ޖުމުލަ ފައިދާގެ 65 ޕަސެންޓު، ސުކޫކު ގަންނަ ފަރާތްތަކަށް ލިބޭނެއެވެ. ފައިދާ ދޫކުރާނީ ސުކޫކު އެލޮޓްކުރާ ތާރީހުން ފެށިގެން ކޮންމެ ހަމަހަކުންނެވެ.

comment ކޮމެންޓް