ރާއްޖޭގައި މިހާރު އިންސާނީ ވަގުފާރީގެ ކަންކަން ނުހިނގާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ފައްޔާޒާ ވަނީ ސުވާލުކޮށްފައެވެ. އެގޮތުން ކުރެންދޫ ދާއިރާ މެންބަރު ޢަބްދުލްޣަނީ އަބްދުލްހަކީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމި، މި ސަރުކާރުގެ މިހާ ހަމައަށް އިންސާނީ ވަގުފާރިކުރުން ހުއްޓުވުމުގައި ލިބިފައިވަނީ ކޮން ކުރިއެރުމެއްތޯ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖެއަށް އިންސާނީ ވަގުފާރިކޮށްގެން ގެންނަ ގިނަ މީހުންނަކީ ބަންގްލަދޭޝް އާ ގުޅިފައިވާ މީހުން ކަމަށެވެ. އަދި މީގެ ކުރިން ހިނގަމުން އައި ސިސްޓަމުން އެކަން ކުރުމަށް އޮތީ ވަރަށް ބޮޑަށް މަގުފަހިވެފައި ކަމަށާއި އޭގެ ނާޖާއިޒް ފައިދާ ގިނަ ބަޔަކު ނަގަމުން އައި ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ، އަޅުގަނޑު އައިސް ބަންގްލަދޭޝްއިން ލޭބާ ކެޓެގަރީއަށް މޮރިޓޯރިއަމްއެއް ގެނައުމާ ގުޅިގެން އަހަރެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާގެ ވިޔަފާރީގެ މަތީގަ އިށީނދެގެން އަޅުގަނޑު މި އިންނަނީ. ގާނޫނާ ހިލާފު ވިޔަފާރި. ހިއުމަން ޓްރެފިކިން ވިޔަފާރި،" ފައްޔާޒް ވިދާޅުވިއެވެ.
މިކަމުގައި ބިދޭސީންނާއި ދިވެހިންގެ އިތުރުން ސަރުކާރުގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އިންސާނީ ވަގުފާރިކަމެއް މިއަދަކު ރާއްޖެއަކު ނެތް. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. މީހުން ގެންގުޅޭ ގޮތާއި އެހުރިހާ ކަމަކަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
އެކަން ފާއިތުވި ދެ އަހަރު ބަންގްލަދޭޝަށް ވޯކް ޕާމިޓް ދޫކޮށްފައިވާ މީހުންގެ އަދަދުން ވެސް އެނގޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ވޯކް ޕާމިޓް ދޫކުރީ 89 މީހުންނަށް ކަމަށާއި މި އަހަރު ދޫކުރީ 24 މީހުންނަށް ކަމަށެވެ. މީގެ ކުރިން މި އަދަދުތައް ހުރީ ވިހި ހާހުން މަތީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.