ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، މިނިސްޓަރަށް އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަން ކަމުގެ ލަގަބު އަރުވައިފިއެވެ.
އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަންސް (އައިޖީސީ) އަކީ މިންތީގެ ހަމަހަމަ ކަމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރާ ލީޑަރުން ހިމެނޭ ނެޓްވޯކެކެވެ. އޭގެ ތެރޭގައި ތަފާތު ގައުމުތަކުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ 250 "ޗެމްޕިއަަންސް" ހިމެނެއެވެ.
އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަން ކަމުގެ ލަގަބު މިނިސްޓަރު ޝާހިދުއަށް އެރުވީ އެމެރިކާގެ ނިއުޔޯކްގައި ތިއްބަވާ އަންހެން ސަފީރުންނާ އެކު ޝާހިދު ބޭއްވެވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ސަފީރުން ވަނީ މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ޝާހިދު ކުރައްވާނެ ކަމަށް ވިދާޅުވި ކަންތައްތައް ފާހަގަ ކުރައްވާފައެވެ.
އޭގެ ތެރޭގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ގާއިމް ކުރެވިފައިވާ އޮފީހަކަށް ހައްދަވާނެ ކަމަށާއި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމް ވެފައިވާ ޕެނަލްތަކުގައިކަން މިނިސްޓަރު ވިދާޅުވި ކަމަށް ސަފީރުން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ޖިންސީ ފުރައްސާރަ ހުއްޓުވުމާއި މިންތީގެ ހަމަހަމަކަމާ ބެހޭ ތަމްރީނުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ޝާހިދު ކަނޑައަޅުއްވާފައި ވާތީ އެކަމަށް ސަފީރުން ތައުރީފު ކުރެއްވިއެވެ.
ޝާހިދު ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ހިޔާލު ހޯދާ، ބޭނުން ކުރުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.
"ދެމެހެއްޓެނިވި ތަރައްގީ އާއި އިންސާނީ ހައްގުތަކާއި ސުލްހަ އާއި ސަލާމަތާ ބެހޭ މަޝްވަރާތަކުގައި ހުރިހާ ސަރަހައްދެއްގެ، ހުރިހާ އުމުރުފުރާއެއްގެ ހުރިހާ އަންހެނުން ބައިވެރިކުރުމަށް އދ.އިން އަންހެނުން ބާރުވެރި ކުރަން ޖެހޭ،" ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން ގެންދާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ޝާހިދު އަންނަ އަންގާރަ ދުވަހު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ.