އާމިންދައްތައަށް ހައްޤު ނޫން ގޮތުގައި އަނިޔާވެރި ނުވުމަށް ޕީޕީއެމުން ގޮވައިލައިފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ބުނެ ހައްޔަރުކުރި އާމިންދައްތައަށް ހައްޤު ނޫން ގޮތުގައި އަނިޔާވެރި ނުވުމަށް އިދިކޮޅު ޕީޕީއެމުން ގޮވައިލައިފިއެވެ.

އާމިންދައްތަ ހައްޔަރުކުރި ދުވަހުން ފަށައިގެން ކޮންމެ ރެޔަކު ވެސް ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިިމަތީގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ހިތަދޫގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ތަހުޤީގަށް ކިޔައިދީފައިވީ ނަމަވެސް އެ މައްސަލައާ ގުޅުވައިގެން ހައްޔަރު ކޮށްގެން ގެންގުޅެނީ ޝަރަފުއްދީން ސުކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ އާމިންދިޔެ (އާމިންދައްތަ)އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމުން ނެރުނު ނޫސް ބަޔާނުގައި ވަނީ އައްޑޫ ސިޓީ ހިތަދޫ ސުކޫލެއްގެ ތުއްތު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު ބޮލުގައި އަޅުވައި އެ ސުކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރަމުންދާ އާމިންދައްތަ ހައްޔަރުކޮށްގެން ގެންގުޅެނީ ކަމުގެ ހަޤީގަތް އޮޅުވާލައި، މުޅި މައްސަލަ އެހެން މިސްރާބަކަށް އަނބުރާލުމުގެ މަޤްސަދުގައި ކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ބުނަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ތަހުޤީގުން ވެސް ސާބުތުވެފައިވާކަމާއި، އެ ތުއްތު ދަރިވަރަށް ޖިންސީ ގޯނާ ކުރުމުގެ އަމަލު ހިންގާފައިވަނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި އެ ދަރިވަރުގެ އާއިލީ މީހެއްކަން ތަހުޤީގަށް އެނގެން އޮތް ކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ގެންދަނީ ކަށަވަރުކަމާއެކު ބުނަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އެފަދަ ބޮޑު ތުހުމަތެއް ކުރެވިފައިވާ މީހަކު ހައްޔަރުނުކޮށް، މިނިވަންކަމާއެކު އުޅެން ދޫކޮށްލުމަކީ މިކޯލިޝަން އިންތިހާއަށް ކަންބޮޑުވާ ކަމެއް. އަދި އަނިޔާ ލިބިފައިވާ ތުއްތު ދަރިވަރާއި އެ ދަރިވަރުގެ އާއިލާއިން ތަހައްމަލް ކުރަމުން ގެންދާ ހިތާމައިގައި ބައިވެރިވެ މިކޯލިޝަންގެ ފަރާތުން ހަމްދަރުދީ ފާޅުކުރަން،" އެ ބަޔާނުގައިވެއެވެ.

ޕީޕީއެމްއިން ބުނީ އެކަމާ ގުޅިގެން ހިތަދޫގައި އިހުތިޖާޖު ކުރާ ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅު ހަދައި އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން އެތައް އަނިޔާއެއް ދީފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގި އަސްލު މީހާ ކަމަށް ކުޑަކުއްޖާ ބުނާ މީހާއަށް ފުލުހުން ހިމާޔަތްދިން ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

"ޖިންސީ ގޯނާގެ މައްސަލަތަކުގައި ބާރުގަދަ ސިޔާސީ ފަރާތްތައް ސަލާމަތް ކުރުމަކީ މިސަރުކާރުން އާންމުކޮށް ކުރަމުން ގެންދާ ކަންކައް މީގެ ކުރިން ވެސް މިފަދަ އެތައް ކަމެއް ވަނީ ފެނިފައި. އޭގެ ތެރޭގައި ސަފާރީއެއްގައި ހިނގި ރޯޔަލް ރޭޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން ފެނިފައިވާ ގެވެށި އަނިޔާގެ މައްސަލަވެސް ފާހަގަކޮށްލަން،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އެ ތުއްތު ދަރިވަރާއި، ތުއްތު ދަރިވަރުގެ އާއިލާއަށް އިންސާފު ހޯއްދަވައިދެއްވައި، އެ އަމަލު ހިންގި ކަމަށް އެ ތުއްތު ކުއްޖާގެ ބަހުން ފުލުހުންގެ ތަހުޤީގަށް ސާބިތުވާ މީހާ ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ވެސް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.

އެ މައްސަލަ ހިނގަމުންދާ ގޮތް ހިޔުމަންރައިޓްސް ކޮމިޝަނާއި ޖެންޑާ މިނިސްޓްރީ ވެސް ގާތުން ބަލައި ރައްޔިތުންނަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރަމުން ގެންދިއުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރަށް ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ ނަމަވެސް، އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ޤާނޫނު ހިންގުމަށް ބާރު އެޅުއްވުމަށްވެސް ޕީޕީއެމުން ވަނީ ގޮވައިލާފައެވެ.

ހިތަދޫ ކޯޓުން ކުރި އަމުރަކާ ގުޅިގެން އާމިންދައްތަ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މިކަމާ ގުޅިގެން ކުރިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ އިތުރުން، އިތުރު މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކިލިބިފައި ނުވާކަމަށެވެ.

އެހެންކަމުން ތަހުޤީގު ކުރިއަށްދާ މިންވަރަކުން ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާމެދު ފިޔަވަޅެއް އަޅަންޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް