ށ. ބިލެތްފަހީގައި އެއާޕޯޓު އަޅާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން"އަށް ވިދާޅުވީ ބިލެއްފަހީގައި އެއާޕޯޓު އަޅަން މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދަން ފުރުސަތު ހުޅުވާލުމުން މިހާތަނަށް ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހި ކުންފުންޏެއްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ކުރިއަށް އޮތީ ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން މަސައްކަތުގެ ބައި ކަމަށެވެ.
ބިލެއްފަހީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އިތުރުވެސްކޮށްފައެވެ. ސަރުކާރުން އެ ފުރުސަތު އިތުރުކުރީ މާޗު އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ބިލެއްފަހީގައި އެއާޕޯޓެއް އަޅަން ނިންމައި، އެކަން އެންމެ ފުރަތަމަ އިއުލާނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018ވަނަ އަހަރުގައެވެ.
މި ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ގާއިމް ކުރުމެވެ.