ތަރައްގީގެ ދުވެލީގެ އެންމެ ކުރީގައި އޮތީ ރައީސް ސޯލިހުގެ ސަރުކާރު: ޝަރީފް

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ---- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ތަރައްގީކުރަމުން އަންނަ މިންވަރަށް ރާއްޖެ ތަރައްގީކޮށްފައިވާ ސަރުކާރެއް މިހާތަނަށް ދިވެހީން ދެކެފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް "ސަން"އަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް، މި ސަރުކާރުން އަންނަނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާއާއި ބަނދަރުގެ މަސައްކަތް ގިނަ ރަށްރަށުގައި ކުރެވެމުން އަންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސުކޫލުތަކާއި އިޖުތިމާއީ މަރުކަޒުތައް ފަދަ އުމްރާނީ މަސައްކަތްތަކާއި އެހެނިހެން ބައެއް މަސައްކަތްތައް ވެސް ރަށްރަށުގައި ކުރިއަށްދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށާ އަޅާ ބަލާއިރު މި ސަރުކާރުން މިހާތަނަށް މާލޭގައި މާ ގިނަ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެށިފައި ނެތް ކަމަށެވެ.

"މާލޭގަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަދި އަޅުގަނޑުމެންނަށް މާ ގިނަ މަޝްރޫއުތަކެއް ނެތް މި ސަރުކާރުގަ ހަގީގަތުގަ ހާސިލްކޮށްފައެއް، ބޮޑެތި މަޝްރޫއުތަކެއް. އެހެން ނަމަވެސް އެއާޕޯޓު ކަހަލަ އަދި ހުޅުމާލޭގައި ހިންގާ ބޮޑެތި މަޝްރޫއުތައް މާލެ ސަރަހައްދުގަ އެބަކުރިއަށްދޭ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭ ސަރަހައްދުގެ ތަަރައްގީގެ މާ ގިނަ މަޝްރޫއުތަކެއް މިހާތަނަށް ފެށިފައި ނެތް ނަމަވެސް ކުރީ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ބޮޑު މަސައްކަތެއް ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށެވެ.

"މާލެ ސަރަހައްދުގަ ވެސް ހަގީގަތުގަ ހިޔާ ފްލެޓުތަކުގެ ވެސް އޮނިގަނޑު ހަދާފަ އިން ކަމުގައިވިޔަސް، އެތާގެ ހުރިހާ ބައެއް މި ފުރިހަމަކުރެވުނީ އަޅުގަނޑުމެންގެ ސަރުކާރުގަ. ކަރަންޓާއި ފެނާއި އެތަނަށް ފޯރުކޮށްދޭން ޖެހޭ، އޮނިގަނޑު ފިޔަވައި އެހެން ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުން އެދަނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ސަރުކާރަށް ގިނަ މަޝްރޫއުތައް ހިންގެނީ އާމްދަނީ އިތުރުވެ، ބަޖުޓު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ ސަރުކާރުން ފައިސާއަށް ހިޔާނާތްތެރިނުވުމުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދައުލަތުގެ އާމްދަނީ އިތުރުވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ގިނަ މަޝްރޫއުތަކެއް ތަރައްގީކުރެވޭނެ. ހަމަޔަގީނުންވެސް އަޅުގަނޑުމެން މި ސަރުކާރުގެ ވޭސްޓް، މި ދެންނެވީ ވައްކަން ކުރުމާއި ހިޔާނާތާ މި އެއްޗެހި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން ހިންގާފައިވާ ބައެއް ތަރައްގީގެ މަޝްރޫއުތަކަށް ފާޑުވިދާޅުވެ، ޝަރީފް ވަނީ ތަރައްގީގެ ދުވެލީގައި އެންމެ ކުރީގައި އޮތީ ރައީސް ސޯލިހުގެ ސަރުކާރު ކަމަށް ވިދާޅުވެފައެވެ.

"މި ސަރުކާރުން ތަރައްގީކުރާ ވަރަށް ތަރައްގީކޮށްފައިވާ އެއްވެސް ސަރުކާރެއް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއްނުވޭ. އަޅުގަނޑުމެން ހިންގާ ރާވާފައިހުރި ޕްރޮޖެކްޓުތަކަށް ބަލާއިރު، އަގަށް ހަމައެކަނި ބެލިކަމުގައިވިޔަސް އަނެއްކާ ޕްރޮޖެކްޓުތަކުގެ އަދަދަށް ބެލިކަމުގައިވީ ނަމަވެސް އެ ޕްރޮޖެކްޓުތަކުން ފަސޭހަވާނެ އާބާދިއަށް ބެލިކަމުގައިވީނަމަވެސް، މި ހުރިހާ ކަމަކަށް ބެލިޔަސް މި ސަރުކާރުން ކުރާ ވަރަށް އެއްވެސް ސަރުކާރަކަށް ކޮށްދެވިފައެއްނުވޭ،" ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް