ނިއުކާސަލް މެޗުގައި ރޮނާލްޑޯ ކުޅޭނެ: ސޯލްޝެއާ

ޔުނައިޓެޑުގެ ފަރިތަކުރުމުގެ ތެރެއިން ރޮނާލްޑޯ--- ފޮޓޯ: އީވްނިންގް ނިއުސް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑު ބައްދަލުކުރާ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް ޔުނައިޓެޑުގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސޯލްޝެއާ ވަނީ މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

"ރޮނާލްޑޯ ފާއިތުވެދިޔަ ހަފުތާގައި ފަރިތަކުރުން ކުރިއަށް ގެންދިޔަ. ވަރަށް ރަނގަޅަށް ދިޔައީ. ޔަގީނުންވެސް ނިއުކާސަލް މެޗުގައި ރޮނާލްޑޯ ފެންނާނެ،" ސޯލްޝެއާ ބުންޏެވެ.

ޕްރީ ސީޒަން ފުރިހަމަކޮށް ގައުމީ ޓީމާއެކު ރޮނާލްޑޯ ކުޅެފައިވުމަކީ ހިތްހަމަ ޖެހުމެއް ކަމުގައި ސޯލްޝެއާ ބުންޏެވެ.

"ރޮނާލްޑޯގެ ހާސިލުކޮށްފައިވާ ކާމިޔާބީތައް އެންމެނަށް އިނގޭ. ޔުނައިޓެޑަށް އޭނާ އައީ އިތުރު ކާމިޔާބީތަކެއް ހޯދަން،" ސޯލްޝެއާ ބުންޏެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކެރިއަރުގެ ދެވަނަ ފަހަރަށް ޔުނައިޓެޑާ ގުޅުނު ރޮނާލްޑޯ ވަނީ މީގެކުރިން 292 މެޗު ކުޅެ 118 ލަނޑު ޔުނައިޓެޑަށް ޖާހާދީފައެވެ.

ނިއުކާސަލް މެޗަށް ނިކުންނައިރު ޔުނައިޓެޑުގެ ބަރެޒިލް މިޑްފިލްޑަރު ފްރެޑަށް މެޗުގައި ނުކުޅެވޭތީ ސޯލްޝެއާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބްރެޒިލްގެ ގައުމީ ޓީމުން ވަނީ ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލް ކުޅުންތެރިން ކްލަބުތަކަށް ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ.

comment ކޮމެންޓް