ދަތުރަށް ފުރަން ތައްޔާރުވެފައި ވަނިކޮށް ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގައުމީ ޓީމުގެ ކޯޗް އަލީ ސުޒޭން -- އެފްއޭއެމް

ގައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު، އަލީ ސުޒޭން މިވަގުތު ފިޓް ނޫން ކަމަށް އެފްއޭއެމްއަށް އަންގާފައި ވަނިކޮށް އޭނާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ސުޒޭންވަނީ "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ސްކޮޑަކާ އެކު މާލޭގައި މިދިޔަ މަހުން ފެށިގެން ފަރިތަކުރުންތައް ފުރަހަމަ ކުރަމުން އައި ޓީމުގެ ކޯޗަކީ ސުޒޭންއެވެ. ކުރިން އެ މަގާމުގައި ހުރި ނެދަލޭންޑްސްގެ މާޓިން ކޫޕްމަން މަގާމުން ވަކިކުރުމާ އެކު އެ ޒިންމާ ސުޒޭންއަށް ހަވާލު ކުރި އިރު އޭނާ އައީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ވެސް ކުރަމުންނެވެ.

އަންނަ މަހު އެކެއްގައި ފަށައި ސާފަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ރޭ ގައުމީ ޓީމު ގަތަރަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޓީމު އެނބުރި އަންނާނީ މި މަހު 28 ގަ އެވެ. އެހެން ނަމަވެސް ޓީމާ އެކު ކޯޗު ސުޒޭންއަށް އަށް ނުދެވޭނެ އެވެ.

ތަޖުރިބާކާރު ކޯޗު ސުޒޭންއަށް ކޮވިޑް ޖެހިގެން ކަރަންޓީނުގައި ހުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެކަން އެފްއޭއެމްއަށް އަންގާފައި ނުވާ ކަމަށް އެ އިދާރައިގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އަދި އެނގިފައެއް ނުވޭ ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވީކަމެއް. އެކަމަކު ސުޒޭން އަންފިޓް ކަމަށް އެފްއޭއެމްއަށް ވަނީ އަންގައިފަ. މާދަމާ ޓީމާ އެކު ކޭމްޕް ދިއުމާ މެދު ގޮތެއް އިނގޭނީ އަދި ފަހުން." ޖަވާ ވިދާޅުވިއެވެ.

ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާ ދެން ޓީމާ ގުޅެވޭނީ 14 ދުވަހުގެ ކަރަންޓީނެއް ފުރަހަމަ ކުރުމަށްފަހުއެވެ. ސުޒޭންގެ ބަދަލުގައި ޓީމުގެ ޓްރޭނިންތައް ލީޑު ކުރާނީ އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) އެވެ.

ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހު 1-16 އަށެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު އެކެއްގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު ހަތެއް ގައެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

comment ކޮމެންޓް