18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެ

ކުޑަކުދިންތަކެއް--

އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މާލެ ސަރަހައްދުން ފެންމަތިވި އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިކަމުގައި ދެން ޝާމިލު ވަނީ ވެސް 18 އަހަރުން ދަށުގެ ކުއްޖަކު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެ ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން ދާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އަދި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ދެކުދިންގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަން ދަންނަވަމެވެ،" ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ ދެ އާއިލާއަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ޗައިލްޑް އެންޑް ޕްރޮޓެކްޝަން އޭޖެންސީގެ އިޖުތިމާއީ ހިދުމަތްތެރިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މައްސަލައިގައި ހިމެނެނީ ކުޑަކުދިން ކަމުގައި ވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުގެ ދަށުން، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ނުފެތުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެދިފައިވެއެވެ.

comment ކޮމެންޓް