ވިނަރެސް ފްލެޓްތަކުގެ 50 ޕަސެންޓު މަސައްކަތް ނިމިއްޖެ

ވިނަރެސް މަޝްރޫއުގެ ކޮންސެޕްޓް. -- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓްތަކުގެ 50 ޕަސެންޓު މަސައްކަތް މިހާރު ނިމިއްޖެ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޗްޑީސީން ތަރައްގީ ކުރާ ވިނަރެސް ފްލެޓްތައް އަންނަ މެއި މަހަށް ނިމޭނެ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެގޮތުން މިހާރު އެ ފްލެޓްތަކުގެ 50.57 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވިއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ.

މި ސަރުކާރުން ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން އެ ފްލެޓުތައް ދޫކޮށްލަން ބޭނުން ނަމަ، ވިނަރެސް ފްލެޓަށް ބަދަލުވާން ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.

އެގޮތުން މިހާތަނަށް 250 މީހަކު ވިނަރެސްއަށް ބަދަލުވާން އެދިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުން ބެލުމަށް ފަހު، އެމީހުންނަށް ވިނަރެސްއިން އެޕާޓްމެންޓު ހިޔާރު ކުރުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ވިނަރެސް ފްލެޓުތަކުގެ ޖާގަ ބޮޑުވި ނަމަވެސް އޭގެ އަގު ހިޔާ ފްލެޓުތަކަށް ވުރެ ބޮޑު ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން" އަށް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ކުލި އުޅޭނީ 17،000 ރުފިޔާއާ ހަމައިގައި ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

comment ކޮމެންޓް