އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެ ނިންމުން ނިންމީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ މަހުލޫފަށް އެ ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމި ނިންމުމުގައި އަމަލުކޮށްފައިވަނީ އިޖުރާއީ ގޮތުން ރަނގަޅަށް ނޫންކަމަށެވެ.

އެހެންކަމުން ވާދަނުކުރެވޭނެކަމަށް ނިންމި ނިންމުން ބާތިލްކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މަހުލޫފަށް ވާދަކުރެވޭނެކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ މަހުލޫފަށް ވާދަނުކުރެވޭ މައްސަލަ އެ މަޖިލީހަށް އިސްތިއުނާފަށް ހުށަހެޅުމުންނެވެ.

މަހްލޫފްވަނީ އިންތިހާބުގައި ވާދަނުކުރެވޭ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅުއްވާފައެވެ. އެގޮތުން އެ މައްސަލަ އީސީއަށް ހުށަހެޅީ އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުއްވުމުން އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާތީއެވެ.

ނަމަވެސް މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އީސީއަަށް ވަކި ގޮތެއް ނިންމޭކަށް ނެތްކަމަށް އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވަނީ އީސީއަށް ހުށަހަޅާފައިވާ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ.

އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން މީގެ ކުރިން ނިންމިއެވެ.

ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް އެދިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުންދީފައެވެ.

comment ކޮމެންޓް