ސާފް ލަނޑު ލިސްޓުގެ އެއްވަނަ މަގާމުން ދަގަނޑޭ ވައްޓާލެވޭނެތަ؟

ޗެތުރީ އާއި ދަގަނޑޭ ސާފް ޗެމްޕިއަންޝިޕުގައި ޖަހާފައިވާ ގޯލުތަކުގެ އަޅާ ކިޔުމެއް--- ފޮޓޯ: ސަން ގްރެފިކްސް

ސަރަހައްދީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ފޯވާޑުންނަކީ އަލީ އަޝްފާގް (ދަގަނޑޭ)އާއި އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ކަމާމެދު ބަހުސް ކުރެވޭކަށް ނެތެވެ.

ޗެތުރީ އާއި ދަގަނޑޭއާ ބެހޭ ގޮތުން އަބަދުވެސް ބަހުސް ކުރެވޭ އެއް ކަމަކީ އެންމެ މޮޅު ފޯވާޑަކީ މި ދެކުޅުންތެރިންގެ ތެރެއިން ކޮން ކުޅުންތެރިއެއް ކަމާ މެދުއެވެ.

އިންޑިއާ ސަޕޯޓަރުން އެންމެ ބޮޑަށް ބަހުސް ކުރާ ކަމަކީ ޗެތުރީ ގައުމީ ޓީމަށް ޖަހާފައިވާ ލަނޑު ގިނަ ކަމަށެވެ. ޗެތުރީި ވަނީ އިންޑިއާ ގައުމީ ޓީމަށް 75 ލަނޑު ޖަހާފައެވެ. ދަގަނޑޭ ގައުމީ ޓީމަށް ޖަހާދީފައި ވަނީ 53 ލަނޑެވެ. ނަމަވެސް ޗެތުރީ ވަނީ އިންޑިއާ ގައުމީ ޓީމަށް 120 މެޗު ކުޅެފައެވެ. ދަގަނޑޭ ގައުމީ ޓީމު ތަމްސީލުކޮށްފައިވަނީ 81 މެޗުގައެވެ.

ދެ ކުޅުންތެރިންގެ ކެރިއަރު ވެސް ނިމުމާ ގާތްވަމުން އަންނައިރު މިއަހަރުގެ ސާފް މުބާރާތަކީ މިދެކުޅުންތެރިންގެ ފަހު މުބާރާތަށް ވުން ގާތެވެ. ދަގަނޑޭ އުމުރުން 36 އަހަރު ވެފައިވާއިރު ޗެތުރީގެ އުމުރުން މިހާރު 37 އަހަރެވެ.

ސާފް ޗެމްޕިއަންޝިޕަށް ބަލާއިރު ޗެތުރީ ވަނީ މުބާރާތުގައި 13 ލަނޑު ޖަހާފައެވެ. ދަގަނޑޭ 20 ގޯލު ޖަހާފައިވާއިރު ސާފް ޗެމްޕިއަންޝިޕުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ އިންޑިއާގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިއާއެވެ.

ދަގަނޑޭއާ ހަމަކޮށްލުމަށް ޗެތުރީ މިއަހަރުގެ މުބާރާތުގައި ހަ ލަނޑު ޖަހަން ޖެހެއެވެ. ފަސް ގައުމު ބައިވެރިވާ މުބާރާތުގައި ދެގައުމުންވެސް ލަނޑު ޖެހުމުގައި މި ދެކުޅުންތެރިންނަށް ބަރޯސާ ވާނެއެވެ.

ގައުމީ ކޯޗު އަލީ ސުޒޭން ބޭނުން ވަނީ ދަގަނޑޭ ފީފާ ސެންޗަރީ ކްލަބަށް ގެންދިއުމަށެވެ. ފީފާ ސެންޗަރީ ކްލަބަކީ ގައުމީ ޓީމަށް 100އަށް ވުރެ ގިނަ މެޗު ކުޅެގެން ފީފާއިން ދޭ މަގާމެކެވެ. އެހެން ކަމުން ދަގަނޑޭއަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ބެލެވެއެވެ. އެހެން ކަމުން ދަގަނޑޭގެ ފަރާތުން ސާފް ޗެމްޕިއަންޝިޕުގައި ލަނޑުތައް ފެނުން ގާތެވެ.

ޗެތުރީގެ ފަރާތުން ލަނޑުތަކެއް މުބާރާތުގައި ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ދަގަނޑޭ ކުޅޭ މުބާރާތެއްގައި ދަގަނޑޭގެ ގޯލުތަކެއް ވެސް ފެންނާނެކަން ކަށަވަރެވެ. އެހެންކަމުން ޗެތުރީއަށް ދަގަނޑޭ ލަނޑު ލިސްޓުގެ އެއްވަނައިން ވައްޓާލުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

comment ކޮމެންޓް