ކަޅުދިޔަފުށި ރިސޯޓު ވިއްކާލަން އަނެއްކާވެސް އިއުލާންކޮށްފި

ތ. ކަޅުދިޔަފުށި: 108 ކޮޓަރީގެ އެ ރިސޯޓް ވިއްކާލަނީ 29.5 މިލިއަން ޑޮލަރަށް.

ތ. ކަޅުދިޔަފުށީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓް ވިއްކާލުމަށް ގައުމީ ބޭންކް، ބީއެމްއެލް އިން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ "ހުރަވީ އިންޓަނޭޝަނަލް"އަށް ދޫކޮށްފައިވާ އެ ރަށް ތަރައްގީ ކުރަމުން ދިޔައީ ސްޕެއިންގެ ބައިނަލްއަގުވާމީ ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް"އާ ގުޅިގެންނެވެ.

"ގްރެން މެލިއާ ހުރަވީ މޯލްޑިވްސް"ގެ ނަމުގައި 2016 ވަނަ އަހަރުގެ ތެރޭގައި އެ ރަށް ތަރައްގީ ކުރަން ފެށީ، 97 ޕްރައިވެޓް ވިލާއާއި 100 ކޮޓަރި ހިމެނޭ ގޮތަށް، 2017 ގައި އެ ރަށް ހުޅުވާ ގޮތަށެވެ. ނަމަވެސް އެ ރަށުގެ މަސައްކަތް ނުނިމި، އަދިވެސް ކުރިއަށްދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނީ ކަޅުދިޔަފުށި ރިސޯޓު ވިއްކާލަން އިއުލާން ކުރީ އެ ރަށް ތަރައްގީ ކުރަން ހުރަވީ އިންޓަނޭޝަނަލްއިން ނަގާފައިވާ "ކްރެޑިޓް ފެސިލިޓީ"އަކަށް ފައިސާ ދައްކަމުން ނުދާތީ އެ ރަށް ވިއްކާލައިގެން ފައިސާ ހޯދުމުގެ ހުއްދަ ސިވިލް ކޯޓުން ކުރި ހުކުމަކުން ބޭންކަށް ދީފައިވާތީ ކަމަށެވެ. އެ ހުކުމް ކުރީ ފެބްރުއަރީ 2019ގައެވެ.

އެ ރަށަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 10އަކާ ހަމަޔަށް ހުޅުވާލާފައެވެ. އެ ރަށުގެ ބިޑަށް ހޮވޭ ފަރާތަކުން، ބިޑަށް ހޮވޭތާ ފަސް ދުވަހުގެ ތެރޭގައި 100،000 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަން ޖެހޭނެއެވެ.

މީގެ ކުރިން ކަޅުދިޔަފުށި ވިއްކާލަން އިއުލާން ކުރީ ސެޕްޓެމްބަރު 2019ގައެވެ. އެއީ 29.5 މިލިއަން ޑޮލަރަށެވެ.

އެ ރަށް ކުއްޔަށް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން ހުރަވީ އިންޓަނޭޝަނަލްއާ އެކު އެއްބަސްވުމެއް ހެދީ އޯގަސްޓު، 24، 2015ގައިއެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް އެ ރަށް ދޫކުރި ދުވަސްވަރު ޓޫރިޒަމް މިނިސްޓްރީގައި މިނިސްޓަރަކު ނެތުމުން، އެ މިނިސްޓްރީ އޭރު ހިންގަވަމުން ގެންދެވީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓްގައިވާ ގޮތުން އެ ރަށުގެ އިކުޒިޝަން ކޮސްޓަށް ވާ 150،000 ޑޮލަރު ހުސެން މަނިކު ދޮންމަނިކު އެމްއެމްޕީއާރުސީއަށް ދެއްކެވީ ހިޔާނާތުގެ ފައިސާ ދޮވުނު، އޮސްއޯއެފްއިން އޭނާއަށް ލިބިވަޑައިގަތް ފައިސާއިންނެވެ.

comment ކޮމެންޓް