ޕެލޭ ހޮސްޕިޓަލުގައި ހަ ދުވަސް، ހާސްވާން ޖެހޭވަރެއް ނުވޭ: މެނޭޖަރު

ޕެލޭ ވޯލްޑް ކަޕު ތަށްޓާއެކު --- ފޮޓޯ/އޭޕީ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު އިއްތިފާގުވާ ބްރެޒިލްގެ ރަމްޒުދާރު، ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަ ދުވަސް ވެފައިވާ ކަމަށާއި، އެހެން ނަމަވެސް އޭނަގެ ހާލު ގޯސް ނޫން ކަމަށް ޕެލޭގެ މެނޭޖަރު ބުނެފިއެވެ.

އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާއި، ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ބޮޑެތި ރެކޯޑްތައް ވެސް އޮތް ޕެލޭ އެޑްމިޓްވެފައި ވަނީ ބްރެޒިލްގެ ސައޮ ޕޯލޯގައި ހުންނަ އެލްބާޓް އެއިންސްޓެން ހޮސްޕިޓަލުގައެވެ. އުމުރުން 80 އަހަރުގެ ޕެލޭ މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެޑްމިޓްކުރަން ޖެހިފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޕެލޭ އޭނަގެ ރޫޓިން ޗެކަޕް ހެދުމަށް ގަވާއިދުން ހޮސްޕިޓަލަށް ޒިޔާރަތް ކުރަމުން ދަނިކޮށް، ނަން ހާމަނުކުރާ މައްސަލައެއް އޭނާއަށް ކުރިމަތިވިކަން ވަނީ ޑޮކްޓަރުން ދެނެގަނެފައެވެ. އެއާ އެކު ޕެލޭ އެ ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފައެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ކިޑްނީގެ މައްސަލައެއްގައި ޕެލޭ ހޮސްޕިޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރިއެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައިވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓް ކުރިއެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެލޭ އަށް ވަނީ މިދިޔަ ތިން އަހަރު ތެރޭ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފައެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގައެވެ.

comment ކޮމެންޓް