ގައުމީ ޒުވާން ޓީމު ދެވަނަ މެޗުގައި ހޮޅުދޫ އަތުން ވެސް އެއްވަރު

ގައުމީ ޒުވާން ޓީމާއި ނ.ހޮޅުދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

ގައުމީ 23 އަހަރުން ދަށުގެ ޓީމުން އަތޮޅުރޭގައި ކުރަމުންދާ ކޭމްޕްގެ ތެރެއިން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގައި ނ. ހޮޅުދޫއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ޅ. ނައިފަރުގައި ޔޫތު މިނިސްޓްރީން މިފަހުން ތަރައްގީ ކުރި ފީފާ ސްޓޭންޑާޑް ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ މި ކޭމްޕްގައި ގައުމީ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އިއްޔެ ނައިފަރު އަތުން ވެސް ވަނީ އެއްވަރުވެފެއެވެ.

ތޭވީސް އަހަރުން ދަށުގެ ޓީމުން އަށް ވަރަކަށް ދުވަހުގެ މުއްދަތަށް ޅ އަތޮޅުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގައި ތިން އަތޮޅުން ފަސް ޓީމަކާ ކުޅޭނެ އެވެ. އެއީ ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ނ އަތޮޅުން ކުޑަަފަރީ އާއި ހޮޅުދޫ އަދި ރ އަތޮޅުން މީދޫ ޓީމާ ދެކޮޅަށެެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ގައުމީ ޒުވާން ޓީމުން ޖެހި ގޯލު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާން) އެވެ. އިއްޔެ ނައިފަރު ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޔާން ވަނީ ގޯލު ޖަހައިފައެވެ.

މިއަދުގެ މެޗުގައި އިއްޔެއާ ޙިލާފަށް ގިނަ ހަމަލާތަކެއް ގައުމީ ޓީމުން އުފެއްދި ނަމަވެސް ހަމަލާތައް އެންމެ ރަނގަޅު ގޮތުގައި ނިންމާލެވިފައެއް ނުވެއެވެ.

ޅ އަތޮޅަށް ކުރާ މި ކޭމްޕްގައި މާދަމާ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކޭމްޕްގައި ގައުމީ ޓީމު ބައްދަލު ކުރާނީ ނ. ކުޑަފަރި ޓީމާ ދެކޮޅަށެވެ.

އޭއެފްސީ އޭޝިއަން ކަޕު 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރެއިން، އިރާގު އަދި އަފްޣާނިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް