އެމްއެންޕީ ރަޖިސްޓްރީކުރަން 5،000 ފޯމާއެކު އީސީއަށް މި މަހު ހުށަހަޅަނީ

ޖުލައި 26، 2021: އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީކުރަން 5،000 މެމްބަރޝިޕް ފޯމާއެކު އިލެކްޝަންސް ކޮމިޝަންސް (އީސީ)އަށް މި މަހުގައި ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަބްދުﷲ ރިޔާޒް "ސަން"އަށް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މިހާތަނަށް އައިއިރު ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ފުންނާބު އުސް ބޭފުޅުންނާއި، ޒުވާނުންނާއި، އަންހެންކަނބަލުންންގެ އިތުރުން އިސް ރައްވެހިންގެ ތެރެއިންވެސް އެކި ފަންތީގެ ބޭފުޅުން އެންއެންޕީއާ ގުޅުމަށް، ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅެން ނިންމަވާ އެކަން އިއުލާނު ކުރައްވާފައެވެ.

ދުންޔާ މައުމޫންގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މީގެކުރިން ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީއާ ގުޅިފައެވެ.

މީގެ އިތުރުން ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލާއި ކައުންސިލް މެމްބަރު އަލީ އައްސަދު ވަނީ އެމްއެންޕީއަށް ސޮއިކުރައްވައިފިއެވެ.

ކާނަލް ނާޒިމާއިއެކު އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ކުރީގެ ޕޮލިސް ކޮމިޝަނަރުކަންވެސް ކުރެއްވި އަބްދުﷲ ރިޔާޒް މީގެ ކުރިންވެސް ވިދާޅުވެފައިވާ ވާހަކަ ފަށްކުރައްވަމުން ވިދާޅުވީ މޯލްޑިވްސް އެމްއެންޕީ އަކީ ގައުމީ ފިކުރެއް ކަމަށާއި އެހެންކަމުން އެ ޕާޓީ އަކީ އެއްވެސް ނުފޫޒަކަށް ގުޑާނެ، ޕާޓީއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ އިސް ސަފުގައި ތިއްބެވީ ރައްޔިތުންގެ އިހްސާސްތަކާއި ކަންބޮޑުވުންތައް ރަނގަޅަށް އެނގޭ، ވަރަށް ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޕާޓީ ހިންގަން ގަސްތު ކުރަނީ ވަކި މީހެއްގެ ފައިބުޑަށް ނުވެއްޓި ވަރަށް މިނިވަންކަމާއެކީގައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ އަދަދު މިވީ ކުޑަދުވަސްކޮޅަށް ބަލައިފަ މާކުރިންވެސް އޮތީ ހަމަކުރެވިފަ. މިހާރުވެސް ހަތަރުހާހަށްވުރެ ގިނަ މެމްބަރޝިޕް ފޯމް އެބަހުރި. އަޅުގަނޑުމެން ޓާގެޓް މި ކުރަނީ 5،000 ފޯމާއެކު މިމަސްތެރޭގަ ޕާޓީ ރެޖިސްޓްރީ ކުރަން އީސީއަށް ހުށަހަޅަން،" ރިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެއްބޭފުޅެއް ކަމުގައިވާ އަހުމަދު އުޝާމް "ސަން" އަށް ވިދާޅުވީ އެ ޕާޓީ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މުސްތަގުބަލުގައި އެންމެ ކުރިއަށް ދިޔުމުގެ ފުރުސަތު އޮތް ޕާޓީކަމަށެވެ.

އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އުޝާމާއި ކާނަލް ނާޒިމްގެ އިތުރުން މިހާތަނަށް އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންފައިވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

comment ކޮމެންޓް