މިހާތަނަށް ރިކަރެންޓް ހަރަދަށް ކުރި ހޭދަ މިދިޔަ އަހަރަށް ވުރެ ދެ ބިލިއަން އިތުރުވެއްޖެ

ފެބްރުއަރީ 19، 2020: ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ސަރުކާރުގެ ރިކަރެންޓް ހަރަދުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އޯގަސްޓު މަހާއި މި އަހަރުގެ އޯގަސްޓު މަހާ އަޅައި ބަލާއިރު ދެ ބިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ރިކަރެންޓް ހަރަދަށް ހޭދަކޮށްފައިވަނީ 12 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތާ ހަމައަށް އައި އިރު ސަރުކާރުން ވަނީ 14 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ ދެ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރިކަރެންޓު ހަރަދުތަކުގެ ތެރެއިން ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 6.4 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ހަމައެއާއެކު އިދާރީ ހިންގުމާއި އޮޕަރޭޝަނަލް އެކްސްޕެންސަށް 7.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އެކަމަށް ހޭދަކުރި މިންވަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޯގަސްޓު މަހުގެ 26ގެ ނިޔަލަށް 18.1 ބިލިއަން ރުފިޔާ ވަނީ ބަޖެޓުން ހަރަދުކޮށްފައެވެ. އޭގެތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ރިކަރަންޓް ހަރަދަށެވެ.

ނަމަވެސް އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާއެވެ. އެގޮތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިިބިފައިވަނީ ޓެކްސްގެ ގޮތުގައި ނެގި ފައިސާއިންނެވެ.

އަހަރުގެ މިހާތަނަށް އައިސްފައިވާއިރު ލިބުނު އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ 6.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ވަނީ އުފެދިފައެވެ.

comment ކޮމެންޓް